ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ސައުދީ އަރަބިއްޔާގައި އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު އިތުރުކޮށްފިއެވެ.
ކާފިއުގެ މުއްދަތު އިތުރުކޮށްފައިވާކަން ސައުދީގެ އިންޓީރިއާ މިނިސްޓްރީން މިއަދު ހާމަކޮށްފައިވާއިރު، އެޤައުމުން ކުރިން އިޢުލާންކުރި ކާފިއުގެ މުއްދަތު ރޭގެ ވަގުތެއްގައިވަނީ ހަމަވެފައެވެ. މިދިޔަ ހަފްތާގައި ސައުދީގެ ބައެއް ސިޓީތައް ބަންދުކޮށް ކާފިއު އިޢުލާންކޮށްފައިވާއިރު، މާރޗް 23 އިން ފެށިގެން 15:00 ން 06:00 އަށް އެސިޓީތަކުގައި ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ. އަދި އެޤައުމުގެ ވެރިރަށް ރިޔާދު ފަދަ ބޮޑެތި ސިޓީތަކުގައި 24 ގަޑިއިރަށް ކާފިއުވަނީ އިޢުލާންކޮށްފައެވެ.
ނަމަވެސް މިފަހަރު ކާފިއުގެ މުއްދަތު އިތުރުކޮށްފައިވަނީ ކިހާ ދުވަހަކަށް ކަމެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ސައުދީން ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، މިދިޔަ ހަތަރު ދުވަހު އެޤައުމުން 300 އެއްހާ މީހުން މިވައިރަހަށްވަނީ ޕޮޒިޓިވްވެފައެވެ. އެގައުމުން މިހާތަނަށް 4000 އަށް ވުރެ ގިނަ މީހުން މިވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، މިވައިރަހުގައި އެޤައުމުން 59 މީހަކު ވަނީ މަރުވެފައެވެ.




