ވެރިރަށް މާލޭގެ ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ ބިދޭސީން ވަގުތީ ގޮތުން ހުޅުމާލޭގައި ހުންނަ ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ގްރޭޓާރ މާލެ ސަރަހައްދުގައި ތޮއްޖެހިފައިވާ ތަންތަނުގައި ދިރިއުޅޭ ބިދޭސީން ވަގުތީ ގޮތުން އެކަށޭނަ ރަނގަޅު ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ.
އަދި ކުދިކުދި ޖާގަތަކުގައި ތޮއްޖެހިގެން ނިދުމުގެ ކަންތައްތައް ހަމަޖެހިފައިވާ ބިދޭސީންނަށް ރަގަޅު ތަނެއްގައި ނިދުމުގެ އިންތިޒާމު ވަގުތީގޮތުން ހަމަޖައްސައި ދިނުމުގެ މަޤުޞަދަކީ، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ތޮއްޖެހިފައިވާ މާހައުލެއްގައި ގިނައަދަދެއްގެ ބަޔަކު ދިރިއުޅެމުންދާނަމަ، ބަލިފެތުރުން ކޮންޓްރޯލު ނުކުރެވިދާނެ ހާލަތަކަށް ދިއުމުގެކުރިން އެކަމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ، ބަލި ފެތުރުމުގެ ފުރުސަތު ވީހާވެސް ކުޑަކުރުންކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
އިމިގްރޭޝަނުން ވިދާޅުވީމ މި ފެސިލިޓީއަށް ބިދޭސީން ބަދަލުކުރުވެނު ކަމުގައި ވީނަމަވެސް، އެތަނުން ބޭރަށް ދިއުމާއި، މަސައްކަތަށް ގޮސް ހެދުމުގެ ފުރިހަމަ މިނިވަންކަން އެފަރާތްތަކަށް ލިބިގެންދާނެކަމަށާއި، އަދި ބިދޭސީފަރާތް މި ފެސިލިޓީއަށް ވަދެ ނިކުމެ ހެދުމަށްޓަކައި އިން އައުޓް ޖެހުމަށް ޚާއްޞަ އައިޑެންޓިޓީ ކާޑެއް ވެސް ދެވޭނެކަމަށެވެ.
މީގެއިތުރުން އިމިގްރޭޝަނުން ވިދާޅުވީ، މި ޚާއްސަ ފެސިލިޓީއަށް ބިދޭސީން ގެންދިއުމުގެ ކުރިންނާއި ގެންދިއުމަށްފަހު ވެސް ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމުގެގޮތުން އަމަލު ކުރާނެ ގޮތްތަކާއި މިކަމާއި ގުޅުންހުރި އިރުޝާދުތައްދީ ހޭލުންތެރިކުރުވުމުގެ ގޮތުން މައުލޫމާތު ދެވިފައިވާއިރު، އަދި ބަލިވެއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތާއި، ދާންޖެހޭ ކްލިނިކް ތަކާއި، ގުޅޭނެ ނަންބަރުތަކުގެ މަޢުލޫމާތުވެސް ބިދޭސީންގެ ބަހުރުވައިން ފޯރުކޮށްދީފައިވާކަމަށެވެ.
މިއަދު ހިންގި އޮޕަރޭޝަނުގައި ވަނީ 04 ތަނެއްގައި ދިރިއުޅޭ 200 ބިދޭސީއަކު ހުޅުމާލޭގެ ފެސިލިޓީއަށް ބަދަލު ކުރެވިފައިވާއިރު، ކުރިއަށް އޮތްތަނުގައިވެސް މިފަދައިން ދިރިއުޅޭ ފަރާތްތައް އެކިއެކި ފެސިލިޓީތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.
މި މަސައްކަތަކީ، ސަރުކާރުގެ ކަމާއި ގުޅުންހުރި މުވައްސަސާތައް ގުޅިގެން ކުރަން ފަށާފައިވާ މަސައްކަތެކެވެ.




