މާލެ-ވިލިމާލެ މަގުތައް ތަރައްޤީކުރަން ޑިޒައިންކުރުމުގެ މަރުހަލާ ފަށަނީ

މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫޢުގެ ޑިޒައިނިން މަރުހަލާ ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަޝްރޫޢަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ މަޝްރޫޢެކެވެ.

މި މަސައްކަތުގެ ޑިޒައިނިން މަރުހަލާ ފެށުމާއި ގުޅޭ ލެޓަރ އޮފް އެކްސްޗޭންޖުގައި ސަރުކާރުން ވަނީ ޗައިނާ ސަރުކާރާއެކު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ކުރިން ނިންމާފައި އޮތީ ސަރުކާރުގެ ބަޖެޓުގެ ތެރެއިންނެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި މި މަޝްރޫޢަށް ޗައިނާ ސަރުކާރުގެ ފަރާތުން ހިލޭ އެހީ ހަމަޖެހިގެން ދިޔައެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި، މި މަޝްރޫޢު ޗައިނާގެ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާތީ، ޕްރޮޖެކްޓްގެ ކަންކަން ހަމަޖެއްސުމާއި ކޮންޓްރެކްޓަރެއް ނެގުމުގެ މަސައްކަތް ކުރާނީ ޗައިނާގެ އެޖެންސީތައް މެދުވެރިކޮށެވެ. އަދި މި އަހަރުގެ ތެރޭގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ސަރުކާރުން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުތައް ތަރައްޤީކުރާނީ ހަމައެކަނި ތާރުއެޅުމަކަށް ނޫނެވެ. މަގުތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ނިޒާމު އަދި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން ސްޓޯމް ވޯޓާ ނިޒާމާއި ފަޔާ ހައިޑްރަންޓްގެ ނިޒާމުވެސް ގާއިމުކުރެވިގެންދާނެއެވެ.

މާލޭ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހައުސިން މިނިސްޓަރުގެ މަޤާމުގައި ހުންނެވި ދުވަސްވަރުއެވެ. އެގޮތުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން އެމްޓީސީސީ ފެރީ ޓަރމިނަލްއާއި ހަމައަށް ވަނީ ތާރު އަޅާފައެވެ. ނަމަވެސް، އޭގެ ފަހުން ވެރިކަމާއި ހަވާލުވި ސަރުކާރުގައި ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައި އޮތް ބައިގައި ތާރު އެޅުމަށް ރޭވުނު ނަމަވެސް، އެ މަސައްކަތް ކުރިއަށްގެންގޮސްފައެއް ނުވެއެވެ. މިހާރު ފަށަން ތައްޔާރުވަމުންދާ މަޝްރޫޢަކީ މާލެއާއި ވިލިމާލޭގެ މަގުތައް މުޅިން އަލުން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ހެއްކެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ