އދ.މަހިބަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި އެއަތޮޅުގައި ބޭނުންކުރާ ސީއެމްބިއުލާންސާއި މަހިބަދޫ ޕޮލިސް ސްޓޭޝަނުގެ ޕޮލިސް ލޯންޗުގެ އިތުރުން އދ. އަތޮޅު ކައުންސިލްގެ ލޯންޗުވެސް ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ.
ރޭ ފަތިހު އެމްއެންޑީއެފްއަށް މި އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 05:45 ހާއިރުއެވެ. މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މިވަނީ ދައުލަތުގެ މުހިންމު އުޅަނދުތަކެއް އަނދާ ބޮޑު ގެއްލުމެއް ލިބިފައެވެ. ދައުލަތުގެ އިތުރުން އާއްމު ފަރާތްތަކުގެ ހަތަރު އުޅަނދަކަށްވެސް ގެއްލުން ލިބިފައިވެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި އަނދާފައިވަނީ ފަސް ލޯންޗާއި ދެ ޑިންގީއެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅު ކައުންސިލް ލޯންޗާއި، ސީއެމްބިއުލާންސްގެ އިތުރުން ޕޮލިސް ލޯންޗު އަދި އެޗްއެމްއެޗްއައި ޓްރެވަލްސް އެކަކާއި ދެއެއް އަދި ދެ ޑިންގީއެވެ.
ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ މަޢުލޫމާތާއި ފޮޓޯތަކަށް ބަލާއިރު ފަތިހު ހިނގި މި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މި އުޅަނދުތައް ވަނީ އަލުން ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.

ވީ ނުވީއެއް ނޭނގި މަހިބަދޫ ފަޅުގައި އަޅާފައި އޮތް އުޅަނދުތަކެއް އަނދާފައިވާއިރު، އަދި އޭގެ ތެރޭގައި ދައުލަތުގެ މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭނުންކުރާ ތިން އުޅަނދެއް ހިމެނޭއިރު މިކަމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ތަޙްޤީޤީ އިދާރާތަކުން މިހާތަނަށް ވަކިއެއްޗެއް ވިދާޅެއް ނުވެއެވެ.
މި ނުރައްކާތެރި ހާދިސާ ހިނގާ ދިޔަގޮތް އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤުކޮށް އެންމެ ފުނަށް ފީނުން ނުހަނު މުހިންމެވެ.
								
											

