ގުރައިދޫ ޚާއްޞަ އެހީގެ މަރުކަޒު

ޚާއްޞަ އެހީގެ މަރުކަޒަށް އެޗްއާރްސީއެމް ވަދެއްޖެ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހާލަތު ބެލުމަށް ޒިޔާރަތްކޮށްފިއެވެ.

އެޗްއާރްސީއެމުން ވިދާޅުވީ، ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒަށް އިއްޔެ އާއި މިއަދު ޒިޔާރަތް ކުރީ އެ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭ އަނިޔާވެރިކޮށާއި ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ އަމަލެއް ހިނގާތޯ ބެލުމަށާއި، ދައުލަތުގެ ބެލުމުގެދަށުގައި ތިބޭފަރާތްތަކަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމުގެ އިތުރުން މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުނާއި މުވައްޒަފުންގެ އާންމު ހާލަތު ދެނެގަތުމަށް ކަމަށެވެ.

އެ ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ރިޕޯޓް ގިނަވެގެން ތިން ދުވަހުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި ޖެންޑާ މިނިސްޓްރީ އަދި ރައީސް އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރެވޭނެ ކަމަށް އެޗްއާރުސީއެމުން ވިދާޅުވިއެވެ.

އަދި އެރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި ހުށައަޅާފައިވާ ހުށައެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ޖެންޑާ މިނިސްޓްރީއާއެކު ބައްދަލުވުމެއް ބާއްވާނެ ކަމަށާއި، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި އިސްލާހުކުރުމަށް ހުށައަޅާފައިވާ ހުށައެޅުންތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށް ލިޔުމުން އަހަރަކު ދެ ފަހަރު ފޮލޯއަޕް ހަދަމުން ދާނެ ކަމަށްވެސް އެކޮމިޝަނުން ވިދާޅުވިއެވެ.

އެޗްއާރްސީއެމުން ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެކޮމިޝަނުން ގަވައިދުން ޒިޔާރަތް ކުރަމުންދާ ކަމަށާއި މިހާތަނަށް އެކޮމިޝަނުން 11 ފަހަރު އެމަރުކަޒަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

އެޗްއާރުސީއެމުން އެހެން ވިދާޅުވި ނަމަވެސް އެންމެ ފަހުން އެކޮމިޝަނުން ހާއްސަ އެހީގެ މަރުކަޒަށް ޒިޔާރަތްކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް