ހދ. ކުރިނބީ އިން ކައްކާ ގޭސް ހުސްވެ އެރަށް ގޭހަށް ޖެހިއްޖެއެވެ.
ކުރިނބީ އިން ގޭސް ހުސްވެފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން މިއަދު ހަވީރު 18:00 އިން ފެށިގެން މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ސަރުކާރުން ނިންމާފައިވަނިކޮށެވެ.
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރިނބީ އަށް އެސްޓީއޯ އިން ގޭސް އެތެރެކުރަނީ އެންމެ ފަރާތަކުން ކަމަށާއި އެއީ އަމިއްލަ ވިޔަފާރިއަކުން ކަމަށެވެ.
"މިއަދު އެފަރާތުން ބުނެފި ގޭސް ހުސްވެއްޖެކަމަށް" ކައުންސިލްގެ ރައީސް އަފްރާޙް ވިދާޅުވިއެވެ. އަފްރާޙް އިތުރަށް ވިދަޅުވީ ފުރަބަންދާއި ދިމާކޮށް ރަށުން ގޭސް ހުސްވުމާއި ގުޅިގެން އެފަރާތުން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ.
ކުރިނބީގައި 96 ގޭބިސީ އެއް ހުންނަ އިރު، އެރަށުގެ އާބާދީގައި 755 މީހުން ހުރެއެވެ. ބައެއް ފަރާތްތަކުން ރަށުން ބޭރުގައި ވަޒީފާ އަދާކުރަމުންދާއިރު، އެފަދަ ގިނަ ފަރާތްތައްވެސް މިހާރު ވަނީ ރަށަށް ގޮސްފައެވެ.
ކޮވިޑް-19 މާލޭގައި ފެތުރެން ފަށާފައިވާއިރު، ކުރިޔަށް އޮތް 14 ދުވަހަށް މާލެ ސަރަހައްދުވެސް ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި މާލެއަށް އަރާފޭބުން ވެސް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން މިއަދު ހަވީރު 18:00 އިން ފެށިގެން މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ނިންމާފައިވާއިރު، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ގަތުމަށް ކުރިނބީ އިންނާއި އެ ސަރަހައްދުގެ ގިނަ ރަށްރަށުގެ މީހުން ކުޅުދުއްފުއްޓަށް ޖަމާވެ، ފިހާރަތަކުގައި ވަނީ ބޮޑެތި ކިޔޫ ހަދާފައެވެ.



