ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، މާލީ ބަޔާން ހުށަހަޅާފައި ނުވާ 36 ކެންޑިޑޭޓެއްގެ މައްޗަށް ދައުވާކުރުމަށް އަންނަ ބުރާސްފަތި ދުވަހު ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު، އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ 36 ފަރާތަކަށް ދައުވާކުރަން ފޮނުވަން ކަމަށާއި، އޭގެ އިތުރުން 11 ބަޔާނެއް އިތުރަށް ފުރިހަމަ ކުރުމަށް ކެންޑިޑޭޓުންނަށް ފޮނުވުމަށްވެސް ނިންމާފައިވާ ކަމަށެވެ.
Muhdhathuge thereygai maalee bayaan husha naalhaa 36 faraaithakah dhauvaakohdhinumah PG ofeehah buraasfathi dhuvahu husha elhumashaai, 11 bayaaneh ithurah furihama kurumah candidates ah fonuvumah EC in nimmaifi
— Ahmed Akram (@akram4535) April 30, 2019
އީސީން ދައުވާކުރަން ފޮނުވަނީ 36 ފަރާތަކަށްކަން ހާމަކުރެއްވިއިރު، މިމަހުގެ 27 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެފައިވަނީ، ސުންގަޑި ހަމަވިއިރު 39 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައި ނުވާކަމަށެވެ. ބާކީ 3 ކެންޑިޑޭޓުންނަށް ދައުވާ ނުކުރާ ސަބަބެއް އިލެކްޝަނުން ހާމަކޮށްފައެއް ނުވެއެވެ.
މި އިންތިޚާބުގައި ވާދަކުރި 386 ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހަޅާފައި ނުވަނީ، އަމިއްލަގޮތުން ވާދަކުރި 31 ކެންޑިޑޭޓަކުންގެ އިތުރުން ޕީޕީއެމްގެ 2 ކެންޑިޑޭޓުންނާއި، އެމްޓީޑީގެ 2 ކެންޑީޑޭޓުން، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ 2 ކެންޑިޑޭޓުންނާއި، ޕީއެންސީގެ ކެންޑިޑޭޓެއް އަދި އަދާލަތު ޕާޓީގެ ކެންޑިޑޭޓެކެވެ.
ހުރިހާ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިވަނީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ޑީއާރުޕީއެވެ. އެމްޑީޕީން ވާދަކުރި 85 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން ވާދަކުރި 41 ކެންޑިޑޭޓުންނާއި، އެމްޑީއޭ އިން ވާދަކުރި 8 ކެންޑިޑޭޓުން އަދި ޑީއާރުޕީއިން ވާދަކުރި 5 ކެންޑިޑޭޓުންވެސް މާލީ ބަޔާން ހުށަހަޅާފައިވެއެވެ.
އިންތިޚާބާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާގެ (ހ): ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާގުޅޭ މާލީ ކަންކަމާ ބެހޭގޮތުން އަންނަނިވި މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އިންތިޚާބެއް ބާއްވާ ތާރީޚުން ފެށިގެން 21 (ޢެކާވީސް) ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށް ވާންވާނެއެވެ.
އިންތިޚާބުތަކާބެހޭ ޤާނޫނުގައި، ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކަނޑައަޅާފައި ވަނިކޮށް އެކަމެއް ނުކުރުމަކީ އިންތިޚާބީ ކުށެކެވެ. އެފަދަ ކުށްތަކުގެ އަދަބަކީ 6 މަސް ދުވަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6000ރ އާއި 24000ރ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމެވެ.