ކޮވިޑް-19: ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ރައީސް ސޯލިހާއި މޯދީ ފޯނުން ގުޅުއްވައި މަސްވަރާ ކުރައްވައިފި

ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅޭ ގޮތުން ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހާއި ފޯނުން ގުޅުއްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީ މަސްވަރާ ކުރައްވައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލިވުކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް ދިމާވާނެ ސިއްޙީ އަދި އިގްތިޞާދީ މައްސަލަ ތަކާއި ގުޅޭ ގޮތުން ރައީސް އިބްރާޙިމް މުޙައްމަދު ޞޯލިޙް އާއި ފޯނުން ގުޅުއްވައި މަސްވަރާ ކުރައްވާފައިވާ ކަމަށެވެ.

މޯދީގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ އިންޑިއާ އާއި ރާއްޖެ އާއި ދެމެދުގައިވާ ބަދަހި ގާތް ގުޅުމާއިއެކު ދެ ގައުމު އެއްކޮށް މި ހާލަތުން އަރައިގަންނަން މަސައްކަތް ކުރެވޭނެ ކަމަށެވެ. މި އުނދަގޫ ވަގުތު އިންޑިއާ އަބަދުވެސް ރާއްޖެ އާއި އެންމެ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް މޯދީ ވިދާޅުވިއެވެ.

ރާއްޖެ އަށް މިދަނޑިވަޅުގައި ދަނީ ބޭރު ދުނިޔޭގެ އެކި ގައުމު ތަކުގެ ދީލަތި އެހީ ލިބެމުންނެވެ. ރާއްޖޭގެ އިގްތިޞާދު ބިނާވެފައިވާ ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައިއްސައިވާއިރު މިކަމުން އެންމެ ބޮޑު އަސަރު ކުރާނެ އިޤްތިޞާދު ތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެއެވެ.

ސިއްޙީ އެހީތެރިކަމުގެ އިތުރަށް މާލީ އެހީތެރިކަން ރާއްޖެ އަށް ބޭނުންވާނެއެވެ. މިވަގުތު ރާއްޖެ އަށް ޓޫރިސްޓުން ނާންނައިރު ރާއްޖޭގެ އާމްދަނީ ބޮޑުތަނުން ދައްވެގެން ދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ