މި ވަދެވެނީ ކިހާވަރެއްގެ ކަމެއްގެ ތެރެއަށްކަމެއް އޭރު ޔޫސުފަށް ރޭކާވެސް ނުލައެވެ. ނަމަވެސް މަންމަގެ ޙައްޤުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއްވެސް ވާން އޭނާ ހުރީ ތައްޔާރަށެވެ. ދެން އެނބުރި ފަސް ބެލުމެއް ނެތެވެ.
އެއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑު ގްރޫޕެކެވެ. އެމީހުންގެ ގޮފިތައް އިންޑިޔާގެ އެކި ސަރަހައްދުތަކުގައި އޮވެއެވެ. އެއީ ވަރަށް ނުރައްކާތެރި ބަޔެކެވެ. އެތާ އުޅޭ މީހެއްގެ ފަރާތުން އެއްވެސް މަޢުލޫމާތެއް ލީކުވެއްޖެކަން އެނގިއްޖެނަމަ އެކަމަށް ޒިންމާވި މީހަކާއި އެމީހެއްގެ މުޅި ޢާއިލާގެ ދުވަސް ދުއްވާލައެވެ. އެތަނުގައި މަސައްކަތްކުރަން މީހަކު އަލަށް އަތުވެއްޖެނަމަ، އެމީހުން އެންމެ ފުރަތަމަ އެމީހެއްގެ ހުރިހާ މަޢުލޫމާތެއް އެއްކުރެއެވެ. އެކަން ކުރަނީ އެއްވެސް މީހަކަށް ނޭނގޭ ގޮތަށް ސިއްރުން ފާރަލައިގެންނެވެ. ޔޫސުފްގެ ފަތިފުށް ބެލުމަށްފަހު އެމީހުން ޔޫސުފާ ހަވާލުކުރީ ޕެކެޓްތައް ބަންދުކުރުމުގެ މަސައްކަތެވެ. އެކަމުގައި ޔޫސުފާއެކު ހަމަ އެ އުމުރުގެ އިތުރު ހަތަރު ކުއްޖަކު ތިބެއެވެ. ސަތިޔަމް މަސައްކަތްކުރަނީ ޑެލިވަރީ ކުރުމުގައެވެ. ކޮންމެ ދުވަހަކުވެސް ވަކި އަދަދަކަށް ޕެކެޓް ބަންދުކުރުމުން ފައިސާކޮޅެއް ދެއެވެ. ފުރަތަމަ ދުވަހު ފައިސާ ގެންދިޔުމުން އެ ހޯދި ގޮތަކާއި ބެހޭގޮތުން ސަފީނާ ސުވާލު ކުރިއެވެ.
" މިއީ ސަތިޔަމްއާއެކު ފެކްޓަރީގައި މަސައްކަތްކޮށްގެން ލިބޭ ފައިސާ. މަންމަ ގެޔަށް އެއްޗެހި ހޯދާފައި ބާކީ ބައި ފޮރުވޭތޯ ބަލާ. އާބިދަށް ނާންގާތި. އަހަރެން ބޭނުންވަނީ މަންމަ ގޮވައިގެން އެނބުރި ރަށަށް ދާން." މަޖުބޫރުވެފައިވާތީ ޔޫސުފް މަންމައަށް ޙަޤީޤަތް ފޮރުވިއެވެ. މާ ގިނަ ލާރި ނުލިބުނު ނަމަވެސް ހަމަޖެހިލައިގެން ކައިބޮއި އުޅެވޭވަރަށް ލިބެއެވެ.
ދުވަސްތައް އާދައިގެ މަތިން ކުރިޔަށް ދިޔައެވެ. ޔޫސުފް މަސައްކަތްކުރާތާ ހަތަރު މަސް ފުރުނުއިރު އޭނާ ވަނީ އެ މަސައްކަތަށް ހޭނިފައެވެ. ސަތިޔަމް ނެތް ނަމަވެސް މަސައްކަތްކުރާ ތަނަށް އެކަނި ދާންވެސް އެނގެއެވެ.
އެއްދުވަހެއްގެ މެންދުރު ވަގުތެވެ. އެހެން ދުވަސްދުވަހެކޭ އެއްގޮތަށް މެންދުރު ކެއުމަށް މަސައްކަތް މެދުކެނޑިފައި އޮތް ގަޑިއެވެ. ކެއުން ހަމަޖެހިފައި އޮންނަނީ މަސައްކަތްކުރާ ތަނުގައެވެ. ކައިގެން ދެން މަސައްކަތް ފަށަނީ ކުޑަ ވަގުތުކޮޅަކު އަރާމުކޮށްލާފައެވެ. އެންމެން އަރާމުކޮށްލަން އޮށޯވެލައިގެން ތިއްބާ ކުއްލިއަކަށް ފެނުނީ ދަނޑިބުރިތަކެއް ހިފައިގެން ތިބި ހަތަރު ޕޮލިހުން އެތަނަށް ވަތް ތަނެވެ. ވަގުތަކީ ތަނުގެ އެއްވެސް ބޮޑު މީހެއްވެސް އެތަނުގައި ނެތް ވަގުތެކެވެ. އޭރު ސަތިޔަމްވެސް ވީ ޑެލިވަރީއަކަށް ގޮހެވެ. ޔޫސުފާއި އެތާ ތިބި އަނެއް ހަތަރު ކުދިން ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އެ މަސައްކަތްކުރާ މީހުންގެ މަޢުލޫމާތު ހޯދުމަށްޓަކައި ޕޮލިހުން ވަރަށް އަނިޔާ ކުރިއެވެ. ނަމަވެސް އެތާ ތިބި އެއްވެސް ކުއްޖަކަށް މާ ގިނަ މަޢުލޫމާތެއް ނޭނގެއެވެ. އެހެންކަމުން އެމީހުން ބަލަން ބޭނުންވާ ކަންތައްތައް ބަލާފައި ޖަލުގައި ބޭތިއްބުމަށް އުމުރު ހަމަނުވާތީ އެފަދަ ކުދިން ބޭތިއްބުމަށް ހަމަޖެހިފައިވާ ތަނަށް ގެންދިޔައެވެ.
ހަ މަސް ފަސް
މިއަދަކީ ޔޫސުފް އެ ގައިދުހާނާއިން ސަލާމަތްވާ ދުވަހެވެ. ޔޫސުފް ވަނީ އޭނާގެ ސުޕަވައިޒަރުންނަށް ހުރިހާ ވާހަކައެއް ވަރަށް ތަފްޞީލުކޮށް ކިޔައިދީފައެވެ. އާބިދު އޭނާއާ އޭނާގެ މަންމައަށް އޮޅުވާލައިގެން ގެނަސް ކަންތައް ކުރިގޮތުގެ ވާހަކައެވެ. އަދި ޕާސްޕޯޓުތައްވެސް ގެންގޮސްފައިވާކަމާއި، ކާނެ އެއްޗެއް ހޯދުމަށާއި އަލުން އަނބުރާ ޤައުމަށް ދިޔުމުގެ ނިޔަތުގައި ފައިސާ ހޯދުމަށްޓަކައި ކުށުގެ ދުނިޔެއަށް ވަދެވުނު ގޮތެވެ. އެ ހުރިހާ ވާހަކައެއް އަޑުއެހުމަށްފަހު އެމީހުންވަނީ ޔޫސުފާއި އޭނާގެ މަންމަ، އާބިދުގެ ކިބައިން މިންޖުކޮށް ދިވެހި ރާއްޖެއަށް ފޮނުވައިދިނުމަށް އެހީތެރިވެދޭނެކަމަށް ބުނެފައެވެ. އެހެންކަމުން ޔޫސުފަށް މިއަދު އިޙުސާސްކުރެވެނީ ކޮށްޓަކަށްލާ ބަންދުކޮށްފައި ބޭންދުމަށްފަހު ދޫކޮށްލުމުން ކުރެވޭފަދަ އިޙުސާސެކެވެ.
ޔޫސުފް ގޮސް ގެއަށް ވަތްއިރު ސަފީނާ އިނީ އުނދުންކައިރީގައި ކޮންމެވެސް އެއްޗެއް ކައްކާށެވެ. ޔޫސުފް ވަތްތަން ފެނިފައި ސަފީނާއަށް އިންތަނުން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. އަދި ފެންނަ މަންޒަރު ޔަޤީން ނުވެފައި ދެލޯ ބޮޑުކޮށްގެން ބަލަން ހުރެވުނެވެ.
"މަންމާ! މިއީ މަންމަގެ ޔޫސުފޭ." ނޭނގި ހުއްޓާ ޔޫސުފްގެ ލޮލުން ކަރުނަ އަންނަންފެށިއެވެ. އެވަގުތު ސަފީނާ އައިސް ޔަޤީން ކުރަންވެގެން ޔޫސުފްގެ މޫނުގައި ފިރުމާލިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަނަރޫފަވެފައިވާވަރުން ޔޫސުފްގެ ސިފަ ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ސަފީނާގެ ޙާލުވެސް ހަމަ އެފަދައެވެ.
"ދަރިފުޅު ތިޔަ އައީތަ؟ ދަރިފުޅު ސަލާމަތްވޭތޯ މަންމަ ހާދަ ދުޢާއެއް ކުރީމޭ! " ރޮވޭ ވަރުން ވާހަކަ ކުރިޔަށް ނުގެންދެވިގެން ސަފީނާ ހުއްޓާލިއެވެ.
ކަންތައް ވީގޮތް ޔޫސުފް ވަރަށް ރަނގަޅަށް މަންމައަށް ކިޔައިދިނެވެ. އަދި ގޯސް މަގު ޚިޔާރުކުރެވުނީތީ މަޢާފަށް އެދުނެވެ.
"ދަރިފުޅަށް ވީގޮތް ސަތިޔަމް ކޮންމެވެސް ވަރަކަށް މަންމައަށް ކިޔައިދިން. މަންމައަށް އެނގޭ ދަރިފުޅު އެ ހުރިހާ ކަމެއްކުރީ މަންމައަށްޓަކައިކަން." ސަފީނާ ބުންޏެވެ.
ޔޫސުފް އާބިދުގެ ވާހަކަވެސް އޮޅުން ފިލުވިއެވެ.
"މިހާރު އާބިދު ނާންނަތާ ދެ މަސް ވެއްޖެ. އޭނާ އަންނައިރަށް މަންމަ އަބަދު ދަރިފުޅު ސަލާމަތްކޮށްދިނުމަށް އެދި ރޮއި އާދޭސްކުރާތީ އެއްދުވަހު ބޮލަށް އުނދަގޫވެގެން ދިޔައީ މަންމަ ވަރިކޮށްފައި. އޭގެ ފަހުން ނާދޭ. މަންމަޔަށް ކާ އެއްޗެއް ދިއްކޮށްލަނީ ކައިރި އަވަށްޓެރިން." ވަރަށް ދެރަވެފައި ހުރެ ސަފީނާ ކިޔައިދިނެވެ.
ޖެހިގެން އައި ހަފްތާ ޔޫސުފްމެންނަށް ފުރޭނެ އިންތިޒާމް ހަމަޖެހުނެވެ. އެކަމުގައި ޔޫސުފް ބަންދުގައި ހުރި ތަނުގެ މީހުންނާއި، އިންޑިޔާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއިން ވަރަށް ބޮޑަށް އެހީތެރިވެދިނެވެ.
ޔޫސުފް އިންޑިޔާއަށް އައީ ވަރަށް ފޮނި އުންމީދުތަކަކާއެކުއެވެ. ނަމަވެސް އެނބުރި އަމިއްލަ ޤައުމަށް އެދަނީ އެތައް ވޭންތަކަކާއި އަނިޔާތަކެއް ތަޙައްމުލު ކުރުމަށްފަހުގައެވެ. ދުނިޔެއަކީ އިމްތިޙާނެކޭ ބުނެ އުޅެނީ ކީއްވެކަން މިއަދު ޔޫސުފަށް ވަރަށް ރަނގަޅަށް އިޙްސާސްކުރެވިއްޖެއެވެ.
ދިގު ދަތުރަކަށްފަހު ޔޫސުފްމެންނަށް އަމިއްލަ ގެއަށް ދެވުނުއިރު ކާފައާއި މާމަ ގޭގައި ތިއްބެވެ. ޔޫސުފްމެން ފެނިފައި އެދެމަފިރިން ވަރަށް އުފާކުރިއެވެ. އަދި އިންޑިޔާގައި އެދެމައިން ހޭދަކުރި ދަތި އުނދަގޫ ދިރިއުޅުމުގެ ވާހަކަ އަހާފައި އެކަމާ ލޮލުން ކަރުނައެޅިއެވެ. ނަމަވެސް އެ ގައިދުން މިންޖުވެގެން ސަލާމަތްކަމާއިއެކު އާދެވުނުކަމަށްޓަކައި ފަށްފަށުން ﷲ އަށް ޙަމްދު ކުރިއެވެ.
(ނިމުނީ)



