ގައިދު (ދެވަނަ ބައި)

(ފުރަތަމަ އަދަދާއި ގުޅޭ)

ކިތަންމެ ދަތި ޙާލުގައި އުޅުނެއްކަމަކު ޔޫސުފް ބޮޑުވަމުން އައީ މަންމަގެ ލޯބި ފުރިހަމައަށް ލިބިގެންނެވެ. ރަނގަޅަށް ބަނޑުފުރާ ތިން އިރު ކާން ނުލިބުނުކަމުގައި ވީނަމަވެސް ޔޫސުފް ޝުކުރުވެރިވެއެވެ. މަންމަ އޭނާގެ ޙައްޤުގައި ވަމުންދާ ޤުރުބާނީގެ އަގު ކޮންމެވެސް ދުވަހަކުން އަދާކޮށްދިނުމަކީ އޭނާގެ އެންމެ ބޮޑު އުންމީދެވެ. އޭނާއަކީ ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. މަންމަދެކެ އިންތިހާއަށް ލޯބިވާ އަޚުލާޤު ރަނގަޅު ކުއްޖެކެވެ. ނަމަވެސް އިންސާނުން ކިތަންމެ ވަރަކަށް ކަންކަން ރޭވިކަމުގައިވީނަމަވެސް ކުރިއަށް ވާން އޮތްކަމެއް އެކަކަށްވެސް ނޭނގެއެވެ. ތަޤުދީރުގައި ކަންތައްތައް ރޭވިފައިއޮތީ ކިހިނެއްކަމެއް ބުނެދެން އެނގެނީ ކާކަށްހެއްޔެވެ؟

އެއްދުވަހެއްގެ މެންދުރެވެ. ސްކޫލް ނިންމާފައި އައިސް ޔޫސުފް ގެއަށް ވަތްއިރު ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ދެ ފިރިހެނުން ތިއްބެވެ. އެކަކަކީ ކުރިންވެސް ޔޫސުފަށް ފެނިފައި ހުރި މީހެކެވެ. އެއީ ރަށަށް ގެސްޓުން ގޮވައިގެން އައިސްއުޅޭ މީހެކެވެ. ދެން އިން މީހަކީ ތަންކޮޅެއް ހަށިގަނޑުން ބިޔަ،  ދޮށީ ފާޑުޖަހާ، ދޮން މީހެކެވެ. ރާއްޖެ މީހަކާ އެމީހާ ވައްތަރެއް ނޫނެވެ. އެ ދެމީހުންގެ އަތުގައި ދެ ޖޫސްތަށި ހުރިއިރު އެމީހުންގެ ކައިރީގައި ޔޫސުފްގެ މަންމަ ކޮޅަށް ހުއްޓެވެ.

"އަނހާ ދަރިފުޅު އައީތަ؟ އަވަހަށް ދޭ އެއްޗެހި ބަދަލުކޮށްގެން ކާން. މަންމަ ހުންނާނެ ކާންހަދާފަ." ހިނިތުންވެލަމުން ޔޫސުފްގެ ބޮލުގައި ފިރުމާލާފައި ސަފީނާ ބުންޏެވެ.

އެއްޗެހި ބަދަލުކޮށްގެން ޔޫސުފް ކާގެއަށް ދިޔައިރު އެތަނުގައި މާމައާއި ކާފަ ވަރަށް އޮލަ ވާހަކައެއްގައި ތިއްބެވެ. ޔޫސުފް ވަތްތަން ފެނުމާއެކު އެމީހުން ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލިއެވެ.

"މާމާ! އެތާ އެތިބީ ކޮންބައެއްތަ؟" އޮޅުންފިލުވަން ބޭނުންވާތީ ޔޫސުފް ސުވާލުކޮށްލިއެވެ.

"އެތާ ދޮންކޮށް އެއިނީ އިންޑިޔާގެ ބޮޑު ވިޔަފާރިވެރިޔެކޯ. އޭނަ އެއުޅެނީ މިތާ ކައިރި ރިސޯޓަކަށް ޗުއްޓީއަށް އައިސްގެންނޯ. ދެން މިރަށަށް އެއްޗެއް ގަންނަން އައި ދަތުރެއްގައި މަންމަ ފެނިގެން މަންމައާ އިންނަން ބޭނުންވީއޯ. ދެން މަށަކަށް ނޭނގެ!" މާމަ ވަރަށް ހިތްހަމަނުޖެހިފައިހުރެ ފަތިވަރު އަމުނާލިއެވެ. މާމަ ވާހަކަ ދެއްކިގޮތުން ކާފަ ކުޑަކޮށް ހިތްހަމަނުޖެހިގެން މޫނަށް ގޮތެއް ހަދާލިތަން ޔޫސުފަށް ފެނުނެވެ.

"ދެން މަންމަ އެމީހާއާ އިންނަނީއޯތަ؟" ޔޫސުފް އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.

"ތިއެއް އެނގޭނީ ކަލޭގެ މަންމައަކަށްނު. މަންމަ ކައިރީ އަހާ!" އެހިސާބަށް ބުނުމަށްފަހު މާމަ ނުކުމެގެން ދިޔައެވެ.

އެރޭ ނިދަން އޮށޯވެފައި ޔޫސުފް އެކަމާ ބެހޭގޮތުން މަންމައާ ސުވާލު ކުރިއެވެ.

"އާނ. މަންމަ މިއުޅެނީ އޭނާއާ އިންނަން. އޭނާގެ ނަމަކީ އާބިދު. އެއީ ވަރަށް ބޮޑު މުއްސަންޖެއް. ނޯތު އިންޑިޔާގެ ބޮޑު ވިޔަފާރިވެރިއެއް އެއީ. އަނެއްކާ މުސްލިމެއް. ފިލްމުތަކުން އެފެންނަ ކަހަލަ ބޮޑު ހަވޭލީއެއްވެސް އޭނާގެ ހުރެޔޯ. އަދި އޭނާ ހުރީ ދަރިފުޅުވެސް އިންޑިޔާގެ މޮޅު ސްކޫލަކަށް ފޮނުވައިދޭން ތައްޔާރަށް." ވަރަށް ފޯރިއާއެކު ސަފީނާ ކިޔައިދިނެވެ.

"ދެން އެކަމަކު އަހަރެމެން ދިޔައިމަ މާމަމެން ކިހާ އެކަނިވާނެ." އެވަގުތު އުފާވިކަމުގައިވީނަމަވެސް މާމަމެން މަތިން ހަނދާންވެފައި ޔޫސުފް ދެރަވިއެވެ.

"މާމަމެން އެކަނިވިޔަސް މިވަގުތު މަންމައަށް މުހިންމީ ދަރިފުޅުގެ މުސްތަޤުބަލް. އެކޮޅަށް ގޮސް ހަމަޖެހުނީމައި އާބިދު ކައިރީގައި ބުނެގެން މާމައާ ކާފަވެސް ގެންދާނީ. އޭނާ އެއީ ވަރަށް ހިތްހެޔޮ މީހެއް." މަންމަގެ ވާހަކައިން ޔޫސުފް ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ.

ސަފީނާއަކީ ރީތި އަންހެނެކެވެ. އޭނާއަށް ޤުދުރަތުން ދެއްވާފައިވާ ރީތިކަމުގެ ސަބަބުން ހިތް ނުކިޔާ ފިރިހެނެއް މަދުވާނެއެވެ. ބުރުސޫރަ ރީތިވެފައި ކުލަ އައްޔެވެ. އިސްކޮޅާއި ރޫފަ އެއްވަރެވެ. ކަޅިރަވަ ތޫނެވެ. ބޮޑު ދެލޮލާއި ދިގު އެސްފިޔަތަކެވެ. ފިޔާތޮށިކުލައިގެ ތުނިތުނި ތުންފަތެކެވެ. ފިރި މަރުވެފައި ހުއްޓަސް އޭރު އުމުރުން އަދި ތިރީސް އަހަރެވެ. އެހެންކަމުން އާބިދުވެސް އެ ރީތިކަމުގައި ޖެހި ހިތް ދެވުނީއެވެ. އޭނާގެ މިލްކަކަށް ހަދަން ބޭނުންވީއެވެ. އޭރު ރަށުގައިވެސް ސަފީނާ ފަހަތުން މުގޯލިއަޅާ ފިރިހެނުން ވަކި މަދެއް ނޫނެވެ. ނަމަވެސް ސަފީނާ ޚިޔާރުކުރީ އާބިދެވެ. ސަފީނާ ދެކުނުގޮތުގައި އާބިދަކީ އޭނާއަށް ލެއްވި ރަޙުމަތެކެވެ.

ކައިވެނިކޮށްގެން ނޫނީ އިންޑިޔާއަށް ފުރަން ކާފަ އެއްބަހެއް ނުވިއެވެ. އެހެންކަމުން ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކައިވެނީގެ ކަންކަން އާބިދު ހަމަޖެއްސިއެވެ.

ފުރަން އޮތް ދުވަހު ޔޫސުފާއި އޭނާގެ މަންމަ ގައިގައި ބައްދަ ބައްދާފައި މާމަ ވަރަށް ރުޔެވެ. އެއްވެސް އެއްޗެއް ނުބުނިކަމުގައިވީނަމަވެސް ކާފަވެސް ހުރީ ހިތުގައި ޖެހިފައިކަން ޔޫސުފަށް އެނގެއެވެ. ކާފައަކީ ވަރަށް ހިތްވަރުގަދަ މީހެކެވެ. ސަފީނާ ލޯންޗަށް އަރަމުން އެންމެ ފަހު ވަގުތުވެސް މަންމައާއި ބައްޕަ ފަހުން ގެންދާނެކަމަށް ވަޢުދުވިއެވެ.

ޕާސްޕޯޓްގެ ކަންތައް ހަމަޖެއްސުމަށްޓަކައި ހަފްތާއެއްވަރު މާލޭގައި ޔޫސުފްމެން މަޑުކުރަންޖެހުނެވެ. އެ މަދު ދުވަސްކޮޅުގައިވެސް އާބިދުގެ ހެޔޮކަން ޔޫސުފަށް ފެނުނެވެ. އެމީހުން ތިބީ މާލޭގެ ފެންވަރު ރަނގަޅު ގެސްޓު ހައުސްއެއްގައެވެ. އެދުވަސްކޮޅުގައި ޔޫސުފަށް ދުވަހަކު ކާން ނުލިބޭހާ މީރު އެއްޗެހި އާބިދު ގެނަސްދިނެވެ. އެކަމާ ޔޫސުފް ހުރީ ވަރަށް އުފަލުންނެވެ.

އާބިދަށް ހިންދީ ބަހާއި އިނގިރޭސިބަސް ވަރަށް ރަނގަޅަށް އެނގެއެވެ. ސަފީނާވެސް ހިންދީ ފިލްމުތައް ބަލާތީ ކޮންމެވެސް ވަރަކަށް ހިންދީ ބަސް އެނގެއެވެ. އެހެންކަމުން ސަފީނާއާ އާބިދު ވާހަކަ ދައްކަނީ ހިންދީ ބަހުންނެވެ. ކޮށިކޮށް އެނގުނު ނަމަވެސް ކިޔާ އެއްޗެހި ގިނަ ފަހަރު ދޭހަވެއެވެ. ޔޫސުފަށްވެސް ކޮންމެވެސް ވަރަކަށް އިނގިރޭސި ބަހާއި ހިންދީ ބަސް ފަހުމްވެއެވެ.

އިންޑިޔާ އެއަރޕޯޓަށް ޖެއްސުމަށްފަހު އެތަނުން ކުރަންޖެހޭ ހުރިހާކަމެއްކޮށްގެން ނުކުމެވުނީ ގަޑިއެއްހާއިރު ފަހުންނެވެ. އެހާ މީހުން ގިނަ ތަނަކަށް އަދި ޔޫސުފް ދުވަހަކުވެސް ނާދެއެވެ. އެހެންކަމުން އޭނާ ހުރީ ބޯހާސްވާގޮތްވެފައެވެ. ނަމަވެސް މަންމަގެ އަތުގައި ހިފައިގެން އާބިދު ދާހާ ތާކަށް އޭނާވެސް ދިޔައެވެ.

އެއަރޕޯޓުން ނުކުމެގެން ކާރެއްގައި އަނެއްކާވެސް ދިޔައީ އެއަރޕޯޓެއްހެން އޮތް ތަނަކަށެވެ. އެތަނުން ޓިކެޓު ނަގައިގެން ދެން އަރަން ޖެހުނީ ރޭލަކަށެވެ. ރޭލުގައި ބާރަ ގަޑިއިރު ދަތުރުކުރަން ޖެހުނެވެ. އެއަށްފަހު ދެން އަރަން ޖެހުނީ ކުރޮޅިއަކަށެވެ. އޭރު ޔޫސުފް ހުރީ ވަރުބަލިވެގެންގޮސް ވެއްޓޭވަރުވެފައެވެ. ކުރޮޅީގައި އިން މީހާ ވާހަކަދެއްކީ ޔޫސުފް ނުދަންނަ ބަހުރުވަޔަކުންނެވެ. އެބަހުންވެސް އާބިދު ވަރަށް ފަރިތަކަމާއެކު ވާހަކަދެއްކިއެވެ. ދެގަޑިއިރެއްވަރު ކުރޮޅި ދުއްވުމަށްފަހު މަޑުކުރީ ވަރަށް ހަނި ގޯޅިއަކަށެވެ. އާބިދު ފޭބުމުން ޔޫސުފްމެންވެސް ފޭބިއެވެ. އެއީ ވަރަށް މުޑުދާރުކޮށް އޮތް ސަރަހައްދެކެވެ. ގޯޅީގެ އެކި ހިސާބުގައި ކިސަޑުގަނޑުގަނޑު ހުއްޓެވެ. ޑްރައިވަރާ އާބިދު ކޮންމެވެސް ވާހަކަތަކެއް ދައްކާފައި ޑްރައިވަރަށް ބައިވަރު ލާރިތަކެއް ދިނެވެ. އަދި އާބިދު ފަހަތުން ފޮށިތައް ހިފައިގެން އައުމަށް އިޝާރާތް ކުރިއެވެ. ޔޫސުފްވެސް އޭނާއަށް ހިފެން އޮތް ދަބަސް ކޮޑުގައި އަޅުވައިގެން އާބިދާއި މަންމަގެ ފަހަތުން ހިނގައިގަތެވެ. މަގުން ކުރިއަށް ދިޔައިރު ދެފަރާތުގައި ޖެހިޖެހިގެން ކުދިކުދި ގެތައް ހުއްޓައި ޔޫސުފަށް ފެނުނެވެ. ބައެއް ގޭގޭގެ ދޮރުމަތީގައި އަންހެންވެރިން ދަރިން ކިހިލި ޖަހައިގެން ނުކުމެ ބަލަން ތިއްބެވެ. އެމީހުން ލައިގެން ތިބީ ބާވެ، ތަތްތެޅިފައި ހުރި ހެދުމެވެ. ބައެއް ކުޑަކުދިން ތިބީ ތިރިން ޖަންގިޔަލެއް އެކަނި ލައްވާފައެވެ. ފެންނަ ފެނުމަށް އެއީ ވަރަށް ފަޤީރު ހިސާބެކެވެ.

ތަންކޮޅަކަށް ހިނގުމަށްފަހު އެތަނުން ގެއެއްގެ ދޮރުމައްޗަށް ހުއްޓިފައި އާބިދު ޖީބުން ތަޅުދަނޑިފައްޗެއް ނެގިއެވެ. އަދި ދޮރުހުޅުވާލާފައި އެތެރެއަށް ވަނެވެ. އޭނާގެ ފަހަތުން ޑްރައިވަރު ވަދެ ފޮށިތައް އެތެރޭގައި ބަހައްޓާފައި ނުކުތެވެ. އޭނާ ނުކުތުމުން ޔޫސުފް ވެސް މަންމައާއެކު އެތެރެއަށް ވަދެފައި ރަނގަޅަށް ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އެތެރެއިން ފެނުނު މަންޒަރުން ޔޫސުފް ހައިރާންވެގެން އޭނާގެ މަންމައާ ދިމާއަށް ބަލާލިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ