މިއަދުގެ މަޖިލިސް ބަހުސް ވެގެންދާނީ މި ޖީލުގެ ކާމިޔާބަށް ނުވަތަ ހަލާކަށް - ނަޝީދު

މިއަދު ރައްޔިތުންގެ މަޖިލީހުގެ ބަހުސް ވެގެންދާނީ މި ޖީލުގެ ކާމިޔާބަށް ނުވަތަ ހަލާކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ދެކިލައްވާ ގޮތުގައި މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އަންނަ އެންމެ މުހިންމު އެއް ބަހުސް ކަމުގައެވެ.

"މިއަދުގެ ބަހުސްގެ ހަޤީޤީ ޔައުމިއްޔާ ވެގެންދާނީ އަޅުގަނޑުމެންގެ ޖީލުގެ ކާމިޔާބަށް ނުވަތަ ހަލާކަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު މަޖިލީހުގައި ބަހުސް ކުރަމުންދަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ފޮނުއްވާފައިވާ މައްސަލަ އާއި ގުޅޭ ގޮތުންނެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި މާލިއްޔަތަށް ވަރަށް ބޮޑު ލޮޅުމެއް އައުމުން ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރު ގައި އަންއެމްޕްލޯއިމަންޓް ރޭޓް ވަރަށް ބޮޑަށް މައްޗަށްގޮސް ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް މިކަންކަމުގެ ނޭދެވޭ އަސަރު ކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ހ އާއި ރ އާއި ބ ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުމުން 1 އަހަރު ދުވަހުގެ މުއްދަތަށް އިސްތިސްނާކުރުމުގެ ހުއްދައަށް މިނިސްޓަރު އެދިލައްވާފައިވެއެވެ.

ރާއްޖޭގެ އިޤްތިސާދު 2020 ވަނަ އަހަރު 5.11 އިންސައްތައިން ދަށްވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 2020 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރެވެނީ 2.15 ބިލިއަން ރުފިޔާއެވެ. މި އަހަރު މިހާތަނަށް ލިބިފައިވަނީ 6.4 ބިލިއަން ރުފިޔާއެވެ.

ކުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ޚިދުމަތްތައް ދަމަހައްޓައި، ސިއްޙީ ޚިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިޤްތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް އެންމެ މަދުވެގެން 2.4 ބިލިއަން ރުފިޔާ ބޭނުންވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ބޭނުން ވަނީ 4.2 ބިލިއަން ރުފިޔާގެ ލޯނު އެމްއެމްއޭ އިން ނަގާށެވެ. އެއަދަދަށް އެމްއެމްއޭ އަށް ލޯނު ދެވޭނީ ފައިސާ ޗާޕް ކޮށްގެން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ