މިފެށޭ މޭމަހުގެ 3 ވަނަ ދުވަހު ވެކްސިން ދޭން ފަށާނެ ކަމަށް ދަމަނަ ވެށިން ބުނެފި އެވެ.
ދަމަނަވެށިން ވެކްސިން ދިނުން މެދުކަނޑާލާފައިވަނީ ކޮވިޑް-19 އާ ގުޅިގެންނެވެ. ދަމަނަވެށިން ބުނީ ކޮވިޑް-19 އާ ގުޅިގެން ދަމަނަވެށިން ދެމުންދާ ހިދުމަތްތައް މެދުކަނޑާލާފައިވީ ނަމަވެސް 18 އަހަރުން ދަށުގެ ކުދިންނަށް ކޮންމެހެން ދޭންޖެހޭ ވެކްސިންތަކުގެ ތެރެެއިން ގައުމީ ވެކްސިން ޝެޑިއުލްގައި ހިމެނޭ ވެކްސިންތައް ދިނުމަށް އަންނަ މަހުގެ ތިން ވަނަ ދުވަހު ދަމަނަވެށި ހުޅުވާނެ ކަމަށާއި ވެކްސިން ޖެހުމުގެ ހިދުމަތް ދޭން ހަމަޖައްސާފައިވަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ.
ވެކްސިން ދޭން ބޭނުންވާ މީހުނަށް ހުކުރު އަދި ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10:00 ފެށިގެން 1:00 އަށް 3322403 އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެދޭނެ އެވެ. އެޕޮއިންޓްމަންޓް ހަދާއިރު، އެންމެ ފަހުން ޖެހި ވެކްސިނާއި އެ ވެކްސިން ޖެހި ތާރީހު އަދި ކުއްޖާ ދިރިއުޅޭ ގެ ހުރީ މޮނީޓަރިންގެ ހާލަތުގައިތޯ ސާފުކުރާނެކަމަށް ދަމަނަވެށިން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.
ފަނިބޭހާއި ވިޓަމިން-އޭ ދޭންޖެހޭ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށް ބޭސް އަދި ވިޓަމިން ދޫކުރުން ވެސް އެ ވަގުތުތަކުގައި ކުރިއަށްދާނެ ކަމަށާއި ފަނިބާހާއި ވިޓަމިން-އޭ ދޫކުރަން ހަމަޖހިފައި ވަނީ ކުއްޖާގެ ވެކްސިން ފޮތް ހިފައިގެން ބެލެނިވެރިއަކު ދިއުމުން ކަމަށްވެސް ދަމަނަ ވެށިން ބުންޏެވެ.
އަދި އެމްއާރު ވެކްސިން ޖަހަން ބޭނުންވާ 40 އަހަރުން ދަށުގެ މީހުންނާއި، އިންފްލެއެންޒާ ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ވެސް އެ ގަޑިތަކުގައި ހިދުމަތް ދިނުމަށް ހަމަޖެހިފައި ވެއެވެ.



