ސައުދި އަރަބިއްޔާއިން ދިވެހި ރައްޔިތުންނަށް ހަދިޔާކޮށްފައިވާ ކަދުރު އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފައިވާ އެންމެ ނިކަމެތިންގެ ލިސްޓަށް ބަހާ ނިންމާފައިވާކަން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ހާމަކުރައްވައިފިއެވެ.
މަހްލޫފް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އިސްލާމިކް މިނިސްޓްރީއިން ހަވާލުކުރި އެންމެ ނިކަމެތިންގެ ލިސްޓަށް މިއަދު ކަދުރު ބަހާނިމިފައިވާ ކަމަށެވެ. އަދި މިކަދުރު ބަހާފައިވަނީ ސައުދި އަރަބިއްޔާއިން ދިވެހި ރައްޔިތުންނަށް ހަދިޔާކޮށްފައިވާ ކަދުރުގެ ގޮތުގައި ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީއިން ހަވާލުކުރި އެންމެ ނިކަމެތިންގެ ލިސްޓަށް މިއަދުވަނީ ކަދުރު ބަހާނިމިފަ. ޔޫތު މިނިސްޓްރީގެ މުވައްޒަފުން އަދި ވޮލަންޓިއަރުންނަށް ޝުކުރިއްޔާ. ??
ނޯޓް: ކަދުރު ބަހާފައިވާނީ ސައުދި އަރަބިއްޔާއިން ދިވެހި ރައްޔިތުންނަށް ހަދިޔާކޮށްފައިވާ ކަދުރުގެ ގޮތުގައި. ?? pic.twitter.com/j3rvqYsAGk
— Ahmed Mahloof (@AhmedMahloof) May 2, 2020
މި ކަދުރުތައް ބަހައިފައިވަނީ، ކޮވިޑް-19 އަށް މާލެ ފުރަބަންދުކުރުމާއި ގުޅިގެން ގޭގެއަށް ބޭނުންވާނެ ތަކެތި އެގޭގެއަށް ޑެލިވާކުރުމަށް ޔޫތު މިނިސްޓްރީން އެކުލަވާލައިފައިވާ ވޮލަންޓްރީ ޓީމުންނެވެ.
ސައުދީން މިއަހަރުގެ ރަމަޟާންމަހާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށްޓަކައި ފޮނުވީ ކިހާ އަދަދެއްގެ ކަދުރެއް ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އިސްލާމިކް މިނިސްޓްރީން މިފަހަރު ކަދުރު ބެހުމަށް ނިންމައިފައިވަނީ ފަގީރުންގެ ގޮތުގައި މިިދިޔަ އަހަރު ރަޖިސްޓަރީ ވެފައި ތިބި ފަގީރުންގެ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއްގެ މަގުންނެވެ. ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި 16،209 މީހުން ރަޖިސްޓަރީ ވެފައި ވެ އެވެ. މާލޭގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ 3،300 މީހުންނެވެ.