މެންޗެސްޓާރ ސިޓީގެ މެދުތެރެއަށް ކުޅެމުން އަންނަ ކެވިން ޑިބްރޫނޭ އެކްލަބު ދޫކޮށްލަފާނެކަމުގެ އިޝާރާތާއެކު ސްޕެއިންގެ ގަދަ ދެބާރުކަމަށްވާ ބާސެލޯނާއާއި ރެއަލްމެޑްރިޑް އެލާޓަށް އައިސްފިއެވެ.
ބާސާއާއި ރެއަލްއިން މިހާރުވެސް އަންނަނީ ރަނގަޅު ޕްލޭމޭކަރެއް ހޯދުމުގައި ބާޒާރުގައި އަތްފުނާ އަޅަމުންނެވެ. ބެލްޖިއަމްގެ ޑިބްރޫނޭއަކީ އެދެޓީމުވެސް އިތުރު ވިސްނުމަކަށް ނުގޮސް ކްލަބަށް ގެންނާނެފަދަ މޮޅު ކުޅުންތެރިއެކެވެ. އެކަން އޭނާވަނީ ސިޓީ ހޭދަކުރި ހަތަރު ސީޒަންގައި ސާބިތުކޮށްދީފައެވެ. ޕްރިމިއާ ލީގުގެ މިސީޒަންގައި މިހާތަނަށް 26 މެޗު ކުޅެފައިވާއިރު، ޑިބްރޫނޭވަނީ 8 ލަނޑު ޖަހައި އިތުރު 17 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މީގެންވެސް އޭނާއަކީ ޓީމަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން ހާމަވެގެންދެއެވެ.
ޑިބްރޫނޭ ސިޓީ ދޫކޮށްލަން އުޅެނީ، ޔޫރަޕްގެ މުބާރާތްތަކުން ކުރިއަށް އޮތް ދެ ސީޒަނަށްވެސް އެކްލަބު ސަސްޕެންޑްކޮށްފައިވާތީއެވެ. އެ އަދަބުން ލުޔެއް ނުލިބިއްޖެނަމަ މުސްތަގުބަލާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ޑިބްރޫނޭވަނީ ބުނެފައެވެ.
ބެލްޖިއަމްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޑިބްރޭނާ ބުނީ ސިޓީން އެ މައްސަލަ އެޕީލްކޮށް ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށާއި، ސިޓީގެ އެޕީލާ ބެހޭގޮތުން ގޮތެއް ނިމުނުހާ އަވަހަކަށް ދެން ހުރި ކަންތައްތަކާ މެދު ވިސްނާނަނެކަމަށެވެ.
މީގެއިތުރުން ޑިބްރޫނޭ ބުނީ ވޭތުވިދިޔަ ދުވަސްތަކުގައި އެތަށް ކްލަބަކުން އޭނާ ހުށަހެޅުންތައް ލިބުނު ކަމަށާއި، އެހެންނަމަވެސް ސިޓީ ދޫނުކޮށް އެކްލަބުގައި ހުރީ ވަރަށް އުފަލުންކަމަށެވެ. ސިޓީއަކީ ދުނިޔޭގެ ފާހަގަކޮށްލެވޭ މޮޅެތި ޓީމުތަކުގެ ތެރެއިން ޓީމެއްކަމަށާއި، އިންގްލިޝް ޕްރިމިއާ ލީގަކީ ދުނިޔޭގައި އޮތް އެންމެ ވާދަވެރި މުބާރާތަށް ވާއިރު، މޮޅު ކުޅުންތެރިއަކަށްވާން މިފަދަ ޗެލެންޖެއް ބޭނުންވާކަމަށްވެސް ޑިބްރޫނޭ ބުންޏެވެ.
މިދިޔަ ފެބްރުއަރީ މަހު ޔުއެފާ އިން، ކުރިއަށް އޮތް ދެ އަހަރަށް ޔޫރަޕްގެ މުބާރާތްތަކުގައި ނުކުޅެވޭ ގޮތަށް ސިޓީ ސަސްޕެންޑްކޮށް 30 މިލިއަން ޔޫރޯ އިން ޖޫރިމަނާކުރީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފުވެފައި ވާތީ އާއި ޔުއެފާ ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާތީއެވެ.



