މިރޭ އޮންނަ މެންޗެސްޓާ ޑާބީގައި ސިޓީގެ ޑިބްރޫނޭއަށް އިންޖަރީގެ ސަބަބުން ނުކުޅެވޭނެކަމަށް ސިޓީގެ ކޯޗު ގާޑިއޯލާ ބުނެފިއެވެ.
ޑިބްރޫނޭއަށް އިންޖަރީވެފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޓޮޓޭންހާމްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މިސީޒަންގައި ބާކީ އޮތް މަދު މެޗުތަކުގައި ޑިބްރޫނޭ ނުހިމަނައި ސީޒަން ނިންމާލަން ސިޓީގެ ގާޑިއޯލާ ބޭނުމެއް ނުވާނެއެވެ.
މިސީޒަންގެ ބޮޑުބައި ޑިބްރޫނޭ ހޭދަކޮށްފައިވަނީ އިންޖަރީގައެވެ. މެޗުގުގައި 90 މިނަޓް ޑިބްރޫނޭ ހަމަކޮށްފައިވަނީ މިސީޒަންގެ އެންމެ ފަސް މެޗުގައެވެ. ޓޮޓޭންހާމް މެޗަށް ނިކުތްއިރުވެސް ޑިބްރޫނޭގެ އިންޖަރީ އެއްކޮށް ރަނގަޅުނުވާކަމަށް ގާޑިއޯލާ ބުންޏެވެ.
ޑިބްރޫނޭގެ ކަކުލަށް ލިބުނު މިއަނިޔާ ރަނގަޅުވަމުން އަންނަތޯ ކޮންމެ ދުވަހަކުވެސް ބަލާކަމަށާއި މިރޭގެ މެޗު ޑިބްރޫނޭއަށް ނުކުޅެވޭނެކަމަށް ގާޑިއޯލާ ބުނެފައިވެއެވެ.
ޑިބްރޫނޭގެ އިންޖަރީއަކީ އިނގިރޭސި ލީގުގެ ފިކްސްޗާސްގެ ސަބަބުން ދިމާވިކަމެއްކަމަށް ގާޑިއޯލާ ބުނަމުންއަންނައިރު ސީޒަން ނިމުމުގެ ކުރިން ޑިބްރޫނޭ ފިޓްވާނެކަމަށް ގާޑިއޯލާ އުންމީދުކުރެވެ.
"ހިތާމަޔަކީ އިނގިރޭސި ވިލާތުގައި މެޗަށް ފުރިހަމައަށް ތައްޔާރުވާނެ ވަގުތު ނުލިބުން." ގާޑިއޯލާ ބުންޏެވެ.
ލީގުގައި ސިޓީއަށް ބާކީއޮތް ހަތަރު މެޗު އޮތްއިރު މިހަތަރު މެޗުން ސިޓީ މޮޅުވެއްޖަނަމަ ޖެހިޖެހިގެން ދެވަނަ ފަހަރަށް ސިޓީއަށް ޕްރިމިއާ ލީގު ކާމިޔާބުކުރެވޭނެއެވެ. އެހެންނަމަވެސް ސިޓީއަށް ގެއްލޭ ކޮންމެ ޕޮއިންޓެއްގެ ފައިދާ ސިޓީ ފުލުގައި ވިއްދާފައިއޮތް ލިވަޕޫލް ނަގާނެއެވެ.
މިރޭގެ މެޗަކީ ބޮޑު މެޗެއްކަމަށާއި މެޗުގައި ކަންތައް ކުރަންވީގޮތް އެނގޭކަމަށް ގާޑިއޯލާވަނީ ބުނެފައެވެ. ޔުނައިޓެޑް އަދި ސިޓީ ބައްދަލުކުރާ މިފޯރިގަދަ މެޗު މިރޭ އޯލްޑް ޓްރެފޯޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު އެމެޗު ފަށާނީ ރާއްޖެ ގަޑިން 12:00 ގައެވެ.




