ދިފާއީ ބާރުތަކުގެ އިމަޖެންސީ ރެންޕޮންސް އެކްސަސައިޒް ނިންމާލައިފި

އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އެއް ދުވަހުގެ މުއްދަތަށް ހިންގި "އިމަޖެންސީ ރެންސްޕޮންސް އެކްސަސައިޒް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އިއްޔެ ހެނދުނު 08:00 އިން ހަވީރު 06:00 އަށް ކުރިއަށްގެންދިޔަ މިއެކްސަސައިޒްގައި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ވަނީ ބައިވެރިވެފައެވެ.

މިއެކްސަސައިޒް ކުރިއަށްދިޔަގޮތް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ބައްލަވާލައްވާފައެވެ. އަދި މި އެކްސަސައިޒް ކުރިއަށްދިޔައިރު ފުލުހުންނާއި ސިފައިންގެ ސީނިއަރ އޮފިސަރުން ވަނީ އޮބްޒާވަރުންގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި އެކްސަސައިޒަކީ ނުރައްކާތެރި އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ، ސިފައިންނާ އެހެނިހެން މުއައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތް ފަރިތަކުރުން ކަމަށެވެ.

މި އެކްސަސަައިޒްގައި އެމްއެންޑީއެފް މާލެ އޭރިއާގެ ޔުނިޓްތަކުގެ އިތުރުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި އެމްއެންޑީއެފްގެ އީއޯޑީ ޓީމްތަކާއި ފުލުހުންނާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި މޯލްޑިވްސް ރެޑްކްރެސެންޓްގެ އިތުރުން އެމްއެންޑީއެފް ސެނަހިޔައިން ބައިވެރިވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް