ކޮވިޑް-19 އާ ގުޅިގެން މީހުން ބެހެއްޓުމަށްޓަކައި ރާއްޖޭގައި ޤާއިމު ކުރެވިފައިވާ ކަރަންޓީން ފެސިލިޓީތަކަކީ ޖަލެއް ނޫން ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.
ފައިރޫޝް ވިދާޅުވެފައިވަނީ ކަރަންޓީނު ފެސިލިޓީ އަކީ ޖަލެއް ނޫން ކަމަށާ އެއީ ދަނޑިމާރު އަޅައިގެން މީހުން ބަލަހައްޓާ ތަންތަނެއް ވެސް ނޫން ކަމަށެވެ.
އޭނާ މިހެން ވިދާޅުވީ ހެރެތެރެ ރިސޯޓްގައި ކަރަންޓީނު ކޮށްފައި ތިބި މީހުންގެ ތެރެއިން ފަސް ފިރިހެނަކު ފިލާފައި ވަނިކޮށެވެ. ފުލުހުން މިހާރުވަނީ އެމީހުން ހޯދައި ހައްޔަރު ކޮށްފަ އެވެ.
ކަރަންޓީން ފެސިލިޓީތަކަށް ގެންދެވޭ ފަރާތްތަކާއި އަމިއްލައަށް އެތަންތަނުގައި ތިބެން އެއްބަސްވެގެން ދާ ފަރާތްތަކުގެ ޒިންމާއެއް ވާކަމަށާއި އެހެންކަމުން ފަރުދީ ޒިންމާ އަދާކުރެއްވުމަށް ފައިރޫޝްވަނީ އެދިލައްވާފައެވެ.
ކަރަންޓީނަށް ދިޔުމަށް ދެކޮޅު ހަދައިގެން ވެސް މީގެކުރިން މީހަކު ހައްޔަރު ކޮށްފައިވާއިރު އަދި ބައެއް މީހުން ސާމްޕަލް ދޭން ދެކޮޅު ހެދާފައިވެސް ވެއެވެ. ނަމަވެސް ކަރަންޓީނު ފެސިލިޓީ ތަކުގައި ގިނަ ބަޔަކު ތިބިއިރު މިއީ ކަރަންޓީން ފެސިލިޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރެވެ.




