ރޯދަޔާ ދިމާކޮށް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ގެނައި މުދާ އައްޑޫ ރައްޔިތުންނަށް ލިބުން ދަތިވެއްޖެއެވެ.
އެސްޓީއޯއިން އެތެރެކުރި އަގުހެޔޮ ފިޔާ، އަލުވި އަދި ބިސް އައްޑޫ ރައްޔިތުންނަށް ލިބުން ދަތިވެފައި މިވަނީ، މާލެއަށް ބޭނުންވާވަރަށް ސްޓޮކް ނެތްކަމަށްބުނެ، އެތަކެތި ހިފައިގެން އައްޑޫއަށް ދިޔަ ބޯޓުތައް އަނބުރާ މާލެގެނެސްފައިވާތީއެވެ.
"ފެށުން" އާ ވާހަކަދެއްކި އައްޑޫ ވިޔަފާރިވެރިން ބުނީ، އެސްޓީއޯއިން ވިޔަފާރިވެރިންގެ އޯޑަރުތައް ކުރިން ނަގާފައިވާ ކަމަށާއި، ނަމަވެސް މުދާ ގެނައި ބޯޓުތައް އަނބުރާ މާލެ ފޮނުވާލުމުން ފިޔާ، އަލުވި އަދި ބިސް ލިބިފައި ނުވާ ކަމަށެވެ.
ނަން ހާމަކުރަން ބޭނުން ނުވާ އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، އައްޑޫގައި ވިޔަފާރިވެރިންނަށް ގަނޑުކޮށް ދޫކުރާވަރަށް އެތަކެތި ނެތް ކަމަށާއި، އެހެންކަމުން އެތަކެތި ވިއްކަމުންދަނީ އެސްޓީއޯ އައްޑޫ ފިހާރައިން ވަކި ރޭޓަކުން އާއްމު ރައްޔިތުންނަށް ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އެސްޓީއޯގެ އައްޑޫ ފިހާރައިން ގޭބީސީތަކަށް ވިއްކަމުންދަނީ ބިސް ކޭހެއްގެ އިތުރުން، ފިޔާ އަދި އަލުވި ވަކި ވަރަކަށް ކިލޯ ކިރައިގެންނެވެ. އެސްޓީއޯގެ ފިހާރައިން އެކަނި ވިއްކަމުންދާތީ އާއްމު ރައްޔިތުންނަށް މިތަކެތި ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އައްޑޫއިން މި ނޫހާ ވާހަކަދެއްކި ފަރާތްތަކުން ބުންޏެވެ.
މިފަހަރުގެ ރަމަޟާން މަހަށް އެސްޓީއޯއިން ރާއްޖެ އެތެރެކުރި ފިޔާ، އަލުވި ބިސް މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް ފޯރުކޮށްދީފައިވަނީ ރަމަޟާން މަހަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށެވެ. އެކަމުގެ ސަބަބުން އެހެން އަހަރުތަކާ އަޅާބަލާއިރު ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.