އައްޑޫ ސިޓީ 14 ދުވަހަށް ލޮކްޑައުން ކޮށްފި

އައްޑޫ ސިޓީއިން ނުރައްކާތެރި ކޮވިޑް-19 ފެނުމާއި ގުޅިގެން އެ ސިޓީ ދެހަފްތާއަށް ލޮކްޑައުން ކޮށްފިއެވެ.

އައްޑޫ ސިޓީ ލޮކްޑައުން ކޮށްފައިވާކަން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ކުރިޔަށްދާ ލައިވް ގައި ސޯބެ ވިދާޅުވީ އައްޑޫ ސިޓީ ލޮކްޑާއުން ކޮށްފައި ވަނީ އެ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތީ ކަމަށެވެ.

ސޯބެ ވިދާޅުވީ އައްޑޫ ސިޓީ ލޮކްޑައުން ކޮށްފައިވަނީ 14 ދުވަހުގެ މުއްދަތަށް ކަމަށެވެ.

އައްޑޫން ރޭ ދަންވަރު މާލެ ގެންދިޔަ ބަލި މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން މި މީހާއާއި ބައްދަލުވި މީހުން ދެނެގަތުމަށް "ކޮންޓެކްޓް ޓްރޭސިން" ގެ ކަންކަން ދަނީ ކުރިޔަށް ގެންދަމުންނެވެ. އެމީހާ އަކީ ރިސޯޓެއްގައި މަސައްކަތް ކުރާ އެ މީހެކެވެ. އޭނާ އައްޑު އަށް ދިޔައީ މާލޭގައި މަޑުކުރުމަށްފަހު މާޗް 30 ގަ އެވެ.

އެމީހާ ދިރިއުޅެމުން ދިޔައީ ހިތަދޫ ގައެވެ. މިއީ އައްޑޫ އިން ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.

އައްޑޫ އިން މާލެ ގެންދިޔަ މީހަކު ޕޮޒިޓިވް ވުމާއިގުޅިގެން އައްޑޫ އެއްކޮށް ކަރަންޓީން ކުރުމަށްވެސް ވަނީ ނިންމާފައެވެ. އެހެންކަމުން ހުއްދަ ނެތި ގެއިން ބޭރަށް ނުނިކުމެވޭނެ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތި ވާނެކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ