އައްޑޫ ސިޓީގެ ލޮކްޑައުންގެ ހާލަތު އުވާލައިފި އެވެ.
އައްޑޫ ސިޓީ 14 ދުވަހަށް އިއްޔެ ލޮކްޑައުން ކުރީ އެސިޓީއިން މާލެ ދިޔަ މީހަކު އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. ނަމަވެސް އެމީހާގެ ދެވަނަ ޓެސްޓުގެ ނަތީޖާ ރޭގައި ލިބުނުއިރު ވަނީ ކޮވިޑް-19 އަށް ނެގެޓިވް ވެފައެވެ.
އެޗްޕީއޭ އިން މިއަދު ބުނެފައިވަނީ ލޮކްޑައުންގެ ހާލަތު އައްޑޫގައި އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިހާރު ނެތް ކަމަށެވެ. ލޮކްޑައުންގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް ނިމުމަކަށް ގެނައުމަށް އެޗްޕީއޭގެ އެންގުމުގައި ވަނީ ބުނެފައެވެ.
އައްޑޫ އިން އެމީހާ ޕޮޒިޓިވް ވުމާއިގުޅިގެން އައްޑޫ އެއްކޮށް ކަރަންޓީންކޮށް ހުއްދަ ނެތި ގެއިން ބޭރަށް ނިކުތުންވެސް ވަނީ މަނާ ކޮށްފައެވެ. އަދި އައްޑޫގެ ރަށްރަށަށް އަރައި ފޭބުން ވެސް ވަނީ މަނާކޮށްފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 790 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން 11775 ޓެސްޓް ކުރެވިފައިވާއިރު، މިވަގުތު ޕެންޑިންގައި ހުރީ 438 ސާމްޕަލްއެވެ. އަދި ކޮންޓެކްޓް ޓްރޭސިންގައި 5180 ފަރާތެއް ފާހަގަކުރެވިފައިވާއިރު، މިވަގުތު ޓެސްޓް ކުރަމުންދަނީ ޑައިރެކްޓް ކޮންޓެކްޓްސްގެ ތެރެއިންވެސް ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކަށް އިސްކަންދީގެންނެވެ.




