އެމްއެންޑީއެފް ހަތިޔާރުއެޅި އުޅަނދެއް - ފޮޓޯ: ޕީއެސްއެމް

ހަތިޔާރުއެޅި އުޅަނދުތައް ބުރިޖު ހުރަސްކުރަނީ މަރާމާތަކަށް - އެމްއެންޑީއެފް

ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ހަތިޔާރުއެޅި އުޅަނދުތައް (އާރމްޑް ވެހިކަލްސް) ސިނަމާލެ ބުރިޖުގައި ދަތުރުކުރަމުންދަނީ މަރާމާތުގެ މަސައްކަތަކަށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، އެމްއެންޑީއެފްގެ އާރމްޑް ވެހިކަލްތަކުގެ މަރާމާތުގެ މަސައްކަތަކަށް މާލެއާއި ހުޅުމާލެ ބުރިޖާ ދެމެދު މިވަގުތު ދަތުރުކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފްގެ ހަތިޔާރުއެޅި ވެހިކަލްތަކުގެ މަރާމާތުގެ މަސައްކަތެއް ކުރަމުންދާކަން ހާމަކޮށްފައި މިވަނީ، އެ އުޅަނދުތައް ވަރަށް ބޮޑަށް ބާވެ މަރާމާތަށް ބޭނުންވެފައިވާ ކަމަށް ދިފާއީ މިނިސްޓަރު ވިދާޅުވެފައި ވަނިކޮށެވެ.

އަވަށްޓެރި ސަރީލަންކާގައި މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ވަރުގަދަ ނިރުބަވެރި ހަމަލާތަކަށްފަހު ދިވެހިރާއްޖޭގައިވެސް ސަލާމަތީ ފިޔަޗަޅުތައް ވަރުގަދަކޮށްފައިވެއެވެ. އަދި ސަލާމަތީ ބާރުތައް ގުޅިގެން އެމެޖެންސީ ރެސްޕޮންސް އެކްސަސައިޒެއްވެސް ބާއްވާފައިވެއެވެ.

ދިވެހިރާއްޖެއަށް ނިރުބަވެރި ހަމަލާއެއް ދީފާނެކަމަށް ބުނެ އެމެރިކާއިން ވަނީ ދިވެހިރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށް ލެވެލް ދެއެއްގެ ޓްރެވަލް އެޑްވައިޒަރީއެއްވެސް ނެރެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ