އައްޑޫސިޓީ އިން ކޮވިޑް-19 އަށް ޓެސްޓު ނުކުރެވޭ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމަށް އިދިކޮޅު ފަރާތްތަކުން ނިންމައިފިއެވެ.
މިގޮތުން މިމައްސަލަ މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްކަމަށް އިދިކޮޅު ފަރާތްތަކުން މައުލޫމާތު ދެއެވެ.
މިނޫހަށް ކޮޕީ ލިބިފައިވާ މި ކުއްލި މައްސަލައިގައި ބުނެފައިވަނީ، އައްޑޫސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އައްޑޫސިޓީގައި ޓެސްޓްކުރެވޭނެ ނިޒާމް ގާއިމްކޮށް ޕްރޮޓެކްޓިވް ގިއަރފަދަ ރައްކާތެރިކަމުގެ ވަސީލަތްތައް ހަމަކޮށްދިނުމާއެކު، ފަރުވާދިނުމަށް ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތްތައް ރާވާ ހިންގުމަށާއި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ކޮވިޑް-19 އަށް ޓެސްޓްކޮށް ފަރުވާދެވޭނެ ނިޒާމެއް ވީއެންމެ
އަވަހަށް ޤާއިމްކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
މީގެއިތުރުން އައްޑޫސިޓީ ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރުމަށް ސަލާމަތީ ވަޞީލަތްތަތައް
އެކަށީގެންވާ މިންވަރަށް ނެތްކަމުގެ ޝަކުވާ އެފަރާތްތަކުން ކުރަމުންދާ ކަމަށާއި އަދި ކޮވިޑަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި
ނަރުހުން ރަނގަޅަށް ތަމްރީންވެފައި ނެއްކަން މިކުއްލި މައްސަލައިގައި ފާހަގަ ކޮށްފައި ވެއެވެ.
އައްޑޫސިޓީ އިން މާލެ ގެންދިއަ ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެސިޓީ ލޮކްޑައުންއަށް ގެނެސްފައި ވެއެވެ. ނަމަވެސް މިމީހާ ފަހުން މިބައްޔަށް ނެގެޓިވްވުމުން މިހާރުވަނީ އައްޑޫސިޓީ އާންމު ހާލަތައް ގެނެސްފައެވެ.




