ވެލިދޫ އައިލެންޑް ރިސޯޓް

ޑޮކްޓަރަކާއި ސިފައިންގެ ބޭކަލަކު އެކަހެރިކޮށް ބައްދަލުކުރި މައްސަލައެއް ނުބަލަން: ފުލުހުން

ވެލިދޫ ކަރަންޓީން ފެސިލިޓީގައި ޑޮކްޓަރަކާއި ސިފައިންގެ ބޭކަލަކު އެކަހެރިކޮށް ބައްދަލުކުރި މައްސަލައެއް ނުބަލާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވިއިރު، ކޮވިޑް-19 އަށް ފަރުވާ ދޭ ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ވެލިދޫ އައިލެންޑް ރިސޯޓްގައި މަސައްކަތްކުރާ ދިވެހި އަންހެން ޑޮކްޓަރަކާއި، އެ ފެސިލިޓީއާ ހަވާލުވެ ހުންނެވި ސިފައިންގެ އެންމެ އިސް މީހާ ދަންވަރު އެކަހެރިކޮށް، ބައްދަލުކުރިކަން އެނގި ފުލުހުން ތަހުގީގު ކުރަން ފަށާފައިވާކަމަށް ރާއްޖޭގެ ބޮޑެތި ބައެއް މީޑިއާތަކުން ރޭ މެންދަމު ވަނީ ރިޕޯޓްކޮށްފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެފަދަ ހާދިސާއެއް ހިނގާފައިވާކަން ފަޅާ އެރީ، ރޭ ދަންވަރުގެ ވަގުތެއްގައި ސިފައިންގެ މީހާގެ ކޮޓަރިން ޑޮކްޓަރު ނުކުތްތަން އެ ރަށުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނަށް ފެނިގެންނެވެ.

މިކަމާ ގުޅިގެން މީޑިއާއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުން ވިދާޅުވީ، އއ. ވެލިދޫ ކަރަންޓީން ފެސިލިޓީގައި ޖިނާއީ ކުށެއް އަދި ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހިނގައިގެން ފުލުހުންނަށް ހުށަހެޅިފައި ނުވާކަމަށާއި، އަދި އެފަދަ މައްސަލައެއް ފުލުހުން ތަޙްޤީޤުކުރަމުންވެސް ނުދާ ކަމަށެވެ.

ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ހިންގަމުންދާ ކަރަންޓީނު ފެސިލިޓީތަކުގައި ޑޮކްޓަރުންނާއި ނަރުހުން ތިބޭއިރު، އެތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދަނީ ދިވެހި ފުލުހުންނެވެ.

މިފަދަ ފެސިލިޓީތަކުގައި ތިބޭ އަންހެން ކުދިންނަށް، އެތަންތަނުގައި ތިބޭ ފިރިހެނުން ގުޅައި ފުރައްސާރަކުރާކަމުގެ އަޑުތަކެއް މީގެ ކުރިންވެސް މީސްމީޑިއާގައި ދެކެވިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ