ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެެރަލް އަބްދުﷲ ޝަމާލު

މިއީ ހަނގުރާމައެއް، ސިފައިން ފަހަތަކަށް ނުޖެހޭނެ: ޝަމާލް

އަދު ޤައުމަށް ދިމާވެފައިވާ ހާލަތަކީ ހަނގުރާމައެއްގެ ހާލަތުގެ ގޮތުގައި ސިފަކުރައްކައި، ޤައުމު އަމާން އައްސޭރިއަކަށް ގެންދެވެންދެންވެސް، ސިފައިން އެންމެ ތަންކޮޅެއްވެސް ފަހަތަށް ނުޖެހޭނެކަމަށް  ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެެރަލް ޢަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ސިފައިން މަސައްކަތްކުރަމުން ގެންދިޔައީ ޕޮޒިޓިވްވިޔަސްވެސް ހެޔޮކަމެއް ކަހަލަގޮތަށޭ ދެންނެވިޔަސް ރަނގަޅުވާނެ ކަމަށާއި، ސިފައިންނަކީ ރިސްކް ނަގައިގެން ރިސްކުގައި މަސައްކަތްކުރާނެ މީހުންކަން ޔަޤީންކަން އަރުވަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ޤައުމު ދިފާއުކޮށް ރައްޔިތުން ހިމާޔަތްކުރުމަށްޓަކައި، ގުރުބާންވުމަށް ހުވާކޮށްގެން ތިބޭ ބައެއް. ޤައުމަށް ދިމާވި މިހާ ބޮޑު ކަމެއްގައި، އަޅުގަނޑުމެން ހަމަ ޤަބޫލުކުރަނީ މިއީ ހަމަ ހަނގުރާމައެއްގެ ގޮތުގައި. މިފަދަ ހާލަތެއްގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ. އަދި އަމުދުން އެންމެ ފަހު މީހާއާއި ހަމައަށްވެސް ސިފައިން ކެރިގެން މިކަމާ ކުރިމަތިލައި، އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުން މިކަމުން ސަލާމަތްކުރާނެ." ޝަމާލް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޚާއްޞަކޮށް ސަރުކާރުން ތައްޔާރުކޮށްފައިވާ އަދި ތައްޔާރުކުރަމުންދާ ފެސިލިޓީތަކުގައި ސިފައިން ބުރަ މަސައްކަތްތަކެއްކޮށް، އަދި މިހާރުވެސް ދަނީ ކުރަމުންނެވެ. އެގޮތުން 290 އެނދުގެ ޖާގައިގެ ހުޅުމާލެ މެޑިކަލް ފެސިލިޓީ، 665 އެނދުގެ ގުޅީފަޅު ފެސިލިޓީ، އަދި ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ، ހުޅެލޭ އައިލެންޑް ހޮޓަލަށް ބަދަލުތައް ގެނައުމުގެ އިތުރުން މިހާރުވެސް މަސައްކަތް ކުރަމުންދާ ޕްރީފެބް ފެސިލިޓީގެ މަސައްކަތްތަކުގައި ސިފައިން ކުރި ބުރަ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

މާލެ ލޮކްޑައުންއަށް މަހަކަށް ވެފައިވާއިރު، މިކަމުގައި ދިވެހި ރައްޔިތުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި، ދިވެހި ސިފައިން އަދި ޖުމްލަކޮށް ސަލާމަތީ ބާރުތަކުގެ ނަމުގައި ޝަމާލް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ