ބޭނުންޖެހޭ ވަގުތު ޕެންޝަން ފައިސާ ނުލިބޭނަމަ، އެ ޖަމާކުރުމުގެ ބޭނުމެއްކަމުގައި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒް ބުނެފިއެވެ.
ޢަލީ ރަމީޒް ބުނެފައިވަނީ ފެންޝަން ފައިސާއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ވަގުތު އެ ފައިސާ ނުލިބޭކަމަށް ވާނަމަ، ޕެންޝަންއޭ ކިޔައިގެން ފައިސާތަކެއް ޖަމާކުރުމުގެ އެއްވެސް ބޭނުންމެއް ނެތް ކަމަށެވެ. "އަޅުގަނޑުމެންގެ ޕެންޝަން ފައިސާ އަޅުގަނޑުމެންނަށް ދެއްވާ" ޢަލީ ރަމީޒްގެ ޓްވީޓްގައި ބުނެފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ގިނަ ބައެއްގެ ވަޒީފާތަކަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފައިވާއިރު، ބައެއް ފަރާތްތަކުން އަންނަނީ ފެންޝަން ފަންޑުން ފައިސާ ލިބޭނެ ގޮތެއް ހައްދަވައިދެއްވުމަށް ގޮވާލަމުންނެވެ.
އެގޮތުން ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގޭގޮތް ހެދުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ މަޖިލީހަށް ބިލެއްވެސް ހުށައަޅާފައެވެ. ނަމަވެސް މަޖިލީހުން ވަނީ އެ ބިލް ބޭރުކޮށްލާފައެވެ. މި ބިލާއި ގުޅިގެން މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ ޕެންޝަން ފަންޑުގައި އަތްލަން ނުޖެހޭނެ ކަމަށާއި ދައުލަތުގައި ހަރަދުކުރާނެ ފައިސާ ހުރިކަމަށެވެ.
މީގެ އިތުރުން ޕެންޝަން ފަންޑުން ފައިސާ ދޫކުރާކަށް ވިސްނުމެއް ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާޢީލްވެސް ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ގިނަ ބައެއްގެ ވަޒީފާތައް ގެއްލުމާއި، ސަސްޕެންޑް ކުރުމާއި، އަދި މުސާރަ ކެނޑުން ފަދަ ކަންތައްތައް ވަނީ ކުރިމަތިވެފައެވެ. އެހެން ކަމުން މި ބަލިމަޑުކަން ދިގުލައި ގޮސްފި ނަމަ ގިނަ އާއިލާ ތަކަކަށް މާލީ ގޮތުން ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ.
މިފަދަ ކަންކަމުން އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ “އިންކަމް ސަޕޯޓް އެލެވެންސް" ގެ ނަމުގައި އެލެވެންސްއެއް ތަޢާރަފްކޮށް ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދިނުމަށް ނިންމާފައެވެ. މި އެލެވެންސް ދޭނެ އުޞޫލު ސަރުކާރުން މިހާރު ވަނީ އާންމުކޮށްފައެވެ.




