މިއުޒިކް ކުޅެ ލަވަކިޔަން ހުއްޓާ މަރު ނުގެންދެވުން އެއީ ލެއްވި ރަޙްމަތެއް: ޢަލީ ރަމީޒް

ސްޓޭޖް މަތީ މިއުޒިކް ކުޅެ ލަވަކިޔަން ހުއްޓާ މަރު ނުގެންދެވުން އެއީ ލެއްވި ރަޙްމަތެއްކަމަށް ދީނީ ދައުވަތު ފެތުރުމުގައި މަސައްކަތް ކުރާ ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒަކީ އިސްލާމް މަތިވެރިކުރެއްވުމަށް މިހާރު ވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާބޭފުޅެކެވެ. ޢަލީ ރަމީޒް ލަވަވިދާޅުވުން ހުއްޓަވައިލެއްވީ އެއީ ކުރައްވަން އިސްލާމް ދީން ހުއްދަރާ ކަމެއް ނޫން ކަމަށް އަމިއްލަފުޅަށް ޤަބޫލުފުޅުކުރެއްވެވިގެންނެވެ.

އެގޮތުން ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައިި ޢަލީ ރަމީޒް ވިދާޅުވީ، ސްޓޭޖުމަތީގައި މިއުޒިކްކުޅެ ލަވަ ކިޔަން ހުއްޓާ އޭނާގެ މަރު ނުގެންދެވިކަން އެއީ ﷲ ތަޢާލާ ލެއްވި ވަރަށް ބޮޑު ރަޙްމަތެއްކަމަށެވެ. އަދި އެކަމަށްޓަކައި ﷲ އަށް ޙަމްދުކޮށް ޝުކުރުކުރާކަމަށްވެސް ޢަލީ ރަމީޒު ވިދާޅުވިއެވެ.

މަރަކީ ދުނިޔޭގައި ހިގާ ކަންތައްތަކުގެ ތެރެއިން އެކަކަށްވެސް އެކަމަކާއިމެދު އިންކާރުނުކުރެވޭނެ ކަމެކެވެ. ނަމަވެސް ތިބާއާ މަރު ބައްދަލުކުރާނެ ވަގުތު އެނގޭނެ ހަމައެކަކުވެސް މިދުނިޔެއަކު ނެތެވެ. މަރުގެ ރަހަ ކޮންމެ މީހަކުވެސް ދެކޭނެއެވެ. މޮޅެތި މީހުންނާއި ދެރަމީހުން، މުއްސަދިންނާއި ފަޤީރުން، ކުޑަކުދިންނާއި ބޮޑެތިމީހުންވެސް އިސްތިސްނާއެއްނުވެއެވެ. ވީމައި ބުއްދިވެރިއަކީ މަރަށް ބިރުނުގަނެ އެއަށް ތައްޔާރުވެ ހުރުމެވެ.

“It is Allah’s mercy that He did not take my life while I was playing music and singing on stage. I thank Allah for that.”ALHAMDHU LILLAH.

Posted by Ali Rameez on Saturday, 17 October 2020

އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހިރާއްޖެއަކީ ސަންތައިން ސަންތަ މުސްލިމު ޤަމުއެއްނަމަވެސް، ދީނުގެ ކަންކަން ޤަބޫލުކުރުމުގައި ބޮޑެތި ތަފާތުތައް ހުރިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއުޒިކަކީ ޙަރާމް އެއްޗެއްކަމަށް އެތަށް ބަޔަކު ބުނާއިރުވެސް، އެކަމަށް އިންކާރުކޮށް އެގޮތަށް ނުބުނެވޭނަކަމަށް ފާޅުގައި ބުނާ މީހުންވެސް މިއަދުވެސް ދިވެހިރާއްޖޭގައި މަދެއް ނޫނެވެ.

ކީރިތި ޤުރުއާނުގެ އެތައް އާޔަތަކުން ލަވަޔާ މިއުޒިކް ޙަރާމް ކަމަށް ޢިލްމުވެރިން ދަލީލު ދައްކަވައެވެ. އެގޮތުން އެންމެ މަޝްހޫރު އާޔަތަކީ ލުޤްމާން ސޫރަތުގެ ހަވަނަ އާޔަތެވެ. ﷲ ވަޙީކުރައްވާފައިވަނީوَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُولَئِكَ لَهُمْ عَذَابٌ مُهِينٌ [لقمان:6] މާނައީ " އަދި މީސްތަކުންގެ ތެރޭގައި ވިޔާނުދާ ވާހަކަތައް ގަނެ ފަތުރާބަޔަކުވެއެވެ. އެއީ އެއްވެސް ޢިލްމަކާއި ނުލައި މާތް ﷲގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައެވެ. އަބައިމީހުންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ."

މީގެއިތުރުން ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކަށް ބަލާލާއިރުވެސް މިކަމަށް ދަލީލުކޮށްދޭ ބަސްފުޅުތައް ނުހަނު ގިނަ ގުނައެވެ. އެގޮތުން ކޮންމެވެސް ވަރެއް ބަޔާންކޮށްލާނަމެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ))ليكونن من أمتي أقوام يستحلون الحر والحرير والخمر والمعازف(( (رواه البخاري في صحيحه معلقاً بصيغة الجزم)  މާނައީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެތެރެއިން ބަޔަކުމީހުން އަންނާނެއެވެ. އެމީހުން ޒިނޭއާއި، ފަށުވިފޭރާމާއި (ފިރިހެނުންނަށް)، ރަލާއި، އަދި މިއުޒިކު ސާމާނު ހުއްދަކުރާނެއެވެ".

ވީމާ ކަނޑައެޅިގެން ޤުރުއާނާ ޙަދީޘުން ޙަރާމް ކަމެއްކަން އެނގޭ ކަމެއްގައި ޙަލާލޭ ބުނާމީހަކު އެކަމަށް ޙުއްޖަތް ދައްކަން ޖެހޭނެއެވެ. ހަވާނަފުސަށް ތަބަޢަވެ މިވެނިކަމެއް ޙަލާލޭ އެވެނި ކަމެއް ޙަރާމޭ ބުނުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ސަބަބަކީ ކަންތައް ޙަލާލުކުރައްވާ، ޙަރާމް ކުރައްވާ ފަރާތަކީ ހަމައެކަނި އެއްކައުވަންތަ ﷲ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ