މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
އެ ގޮތުން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ބާރަށް ގުގުރާނެ ކަމަށް ލަފާކޮށް އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައެވެ. އަދި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދު އާންމު ގޮތެއްގައި ވައި ޖެހޭނެ ކަމަށާއި ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެން ކަމުން މެޓް އޮފީހުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެލާޓް ނެރެމުންނެވެ. އަދި ހުޅަނގު މޫސުމުގެ މިވިއްސާރައިގައި އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލު ވުމަށް މެޓް އޮފީހުން ދަންނަވައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ރޭ ފަތިހުވެސް ވަނީ ޅ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދު އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައެވެ. އަދި ހއ. އަތޮޅުން ލ. އަތޮޅާއި މެދެދު އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައެވެ. މީގެ އިތުރުން ބޯކޮށް ވާރޭވެރި އިއްޔެ ވަނީ އައްޑޫ ސިޓީގައި ފެންބޮޑުވެ ގިނަ ގެތަކަކަށް ފެންވަދެފައެވެ.
މެޓް އޮފީހުން ވިދާޅުވެފައި ވަނީ މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭކަމަށެވެ.
އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.




