ސަމާލުވޭ: ބޮޑު ސަރަހައްދަކަށް 50 މޭލަށް ވައިގަދަވެ، ބާރަށް ގުގުގައި، ވިއްސާރަކުރާނެ

ބޮޑު ސަރަހައްދަަކަށް މޫސުން އިތުރަށް ގޯސްވެ ނެރުނު ޔެލޯ އެލާޓް ދަމަހައްޓަން މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ނިންމައިފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ދަމަހައްޓާފައިވަނީ ށ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.

ށ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް، މިއަދު ހަވީރު 03:00 އިން މިރޭ 07:00 އަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެސަަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ބާރަށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެސަރަހައްދުގައި ޢާއްމުގޮތެއްގައި ވައި ހުންނާނީ ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގައި ކަމަށެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ބޮޑު ސަހަރައްދަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު، ބައެއް އިތުރު އަތޮޅުތަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މިއަދު މެންދުރުފަހު 02:30 އިން އިރުއޮއްސި 06:30 އަށް ގއ. އަތޮޅުން އައްޑޫ ސޓީއަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެވަގުތުތަކުގައި އެސަރަހައްދަށް ޢާއްމު ވައި ހުންނާނީ 19 މޭލާއި 24 މޭލާއި ދެމެދުގައި ކަމަށާއި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައްވެސް އާންމުގޮތެއްގައި ގަދަވާނެ ކަމަށެވެ.

"ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވޭ. ހުޅަނގުމޫސުމުގެ މިވިއްސާރައިގައި އާންމުކޮށް ހުރިހާފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލު ވުމަށް ދަންނަވަން." މެޓް އޮފީހުން ވިދާޅުވިއެވެ.

މޫސުމަށް ސަމާލުވުމަށްޓަކައި، މެޓް އޮފީހުން ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފައިވާއިރު، މިއަދު ކުރި ވިއްސާރައިގައި މާލެއާއި ދެކުނުގެ ބައެއް ރަށްތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ