ޖަޕާނުގެ ގިނަ ސަރަހައްދު ތަކުން ކުއްލި ހާލަތު އުވާލައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޖަޕާންގައި އިއުލާން ކޮށްފައިވާ ކުއްލި ހާލަތު އެގައުމުގެ ގިނަ ސަރަހައްދު ތަކުގައި އުވާލައިފިއެވެ.

މިގޮތުން ޖަޕާނުގެ 47 ސަރަހައްދުގެ ތެރެއިން 39 ސަރަހައްދެއްގައި އިއުލާންކޮށްފައިވާ ކުއްލި ހާލަތު މިހާރުވަނީ އުވާލައިފައެވެ. މި ސަރަހައްދުތަކުން ކުއްލި ހާލަތު އުވާލައިފައިވަނީ ކޮވިޑް-19 ފެތުރުން މިސަރަހައްދުތަކުގައި ކޮންޓުރޯލް ކުރެވިފައިވާތީއެވެ.

ގިނަ ސަރަހައްދުތަކުން ކުއްލިހާލަތު އުވާލައިފައިވީނަމަވެސް، ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އާއި އަދި އޮސާކާފަދަ ސިޓީތަކުގައި އިއުލާން ކޮށްފައިވާ ކުއްލި ހާލަތު އެގައުމުން އުވާލައިފައެއް ނުވެއެވެ. މިސިޓީތަކުން ކުއްލިހާލަތު އުވާލައިފައި ނުވަނީ މި ސިޓީތަކުން އަދިވެސް ކޮވިޑް-19ގެ އާ ކޭސަސް ފެންނަމުންދާތީ ކަމަށް އެގައުމުގެ ސަރުކާރުން މައުލޫމާތު ދެއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ ޖަޕާނުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން މަދުވެފައިވާ ކަމަށާއި ނަމަވެސް ރައްޔިތުން މިބައްޔާއިމެދު ފަރުވާތެރިވެ އުޅެން ޖެހޭ ކަމަށެވެ. މިގޮތުން، ފޭސް މާސްކް އަޅައި އިޖުތިމާއީ ގައިދުރުކުރުމުގެ ގަވާއިދުތަކަށް ބޯލެނބުމަށް އަބޭ އެދިވަޑައިގެންނެވިއެވެ.

ޖަޕާނުން މިހާތަނަށް 16,120 މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި މިބަލީގައި 697 މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ