2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެމްޓީސީސީއަށް ލިބުނު ފައިދާ2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއާއި އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރު ވެއްޖެއެވެ.
އެމްޓީސީސީ އިން އާންމު ކޮށްފައިވާ، އެކުންފުނީގެ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 62.34 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގެ ނަތީޖާއާއި އަޅާބަލާއިރު %310.54 އިތުރު އަދަދެއްކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.
އެކުންފުނިން އާންމު ކޮށްފައިވާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓާރގައި ޖުމުލަ 353.54 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 72.45 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ ލިބިފައެވެ. 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި 210.99 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން އެކުންފުންޏަށް ވަނީ 17.97 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ.
އެކުންފުނިން ވިދާޅުވެފައިވަނީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރއާއި އަޅާބަލާއިރު 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ކުރެވުނު ވިޔަފާރި 6.30- އިންސައްތައިން އަދި ޖުމުލަ ފައިދާ (ގްރޮސް ޕްރޮފިޓް) 7.53- އިންސައްތަ ދަށްވެފއިވާ ކަމަށެވެ. ނަމަވެސް 2020 ވަނަ އަހަރު ކުންފުނީގެ ހިންގުމަށް ގެނެވުނު ހަރުދަނާ ބަދަލުތަކުގެ ސަބަބުން ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރެވި، 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ވަނީ ޓެކުހަށް ކެނޑުމުގެ ކުރިން 62.34 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިކަމަށް އެކުންފުނިން ވިދާޅުވެއެވެ.
އެކުންފުނިން ވިދާޅުވެފައިވަނީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި 29.61- މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާކަމަށެވެ. މިއަދަދަކީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގައި ރިކޯޑްކުރެވުނު ޓެކުހަށް ކެނޑުމުގެކުރިން ލިބުނު ސާފު ފައިދާއާއި އަޅާބަލާއިރު %55.17 އިތުރު އަދަދެއްކަން އެކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ.




