ތ. ގުރައިދޫގައި ބިދޭސީންގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކު މަރާލައިފިއެވެ.
ފުލުހުން ވިދާޅުވީ، ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި، ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލިކަމަށް ރޭ 01:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"އޭނާ ޞިއްޙީމަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޞިއްހީމަރުކަޒުން މަޢުލޫމާތު ދީފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ހަމަ އެރަށުގައި މީހެއްގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ރޭ މެންދަމުންއަލިވެ03:12 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
"މި ހަމަލާގައި އަނިޔާވެފައިވަނީ ބިދޭސީ ފިރިހެނަކަށް. އަނިޔާވި މީހާއަށް ގުރައިދޫ ޞިއްޙީމަރުކަޒުގައި ދަނީ ފަރުވާދެމުން." ފުލުހުން މިއަދު ހެނދުނު ވިދާޅުވިއެވެ.
މި މައްސަލަތަކާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.