މާމިގިލިން ހާލުދެރަވި މީހަކު އެމްއެންޑީއެފްއިން މާލެ ގެނެސްފި

އދ. މާމިގިލި ޞިއްހީމަރުކަޒުގައި ފަރުވާދެމުންދިޔަ އުމުރުން ދުވަސްވީ މީހެއްގެ ހާލު ބޮޑުވުމާއި ގުޅިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ޞިއްހީ އަވަސް ފަރުވާއަށް މާލެ މާމިގިލިން މާލެ ގެނެސްދީފައިވަނީ އުމުރުން63 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

"އދ. މާމިގިލި ޞިއްހީމަރުކަޒުގައި ފަރުވާދެމުންދިޔަ އުމުރުން63 އަހަރުގެ ފިރިހެނަކު ހާލުބޮޑުވެގެން އިތުރު ފަރުވާއަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑް ސީއެމްބިއުލާންސްގައި މިއަދު ހެނދުނު09:30 ހާއިރު ވަނީ މާލެ ގެނެސްދީފައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ބަލިމީހަކު އަވަސް ފަރުވާއަށް މާލެ ގެނައިއިރު، ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރުގަފަވެ ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ވަނީ އެލާޓް ނެރެފައެވެ. މިފަދަ ވަގުތުތަކުގައި ބަލި މީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި ސިފައިން އަބަދުވެސް ބުރަ މަސައްކަތްތަކެއް ކުރެއެވެ.

ކުރިއަށް އޮތް24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި، އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތަށް ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ