ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރެއްވުމުގެ އެންމެ މަތިވެރި ޝަރަފު އައްޑޫ މީދޫ މޫސާ އަންވަރަށް

އީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރެއްވުމުގެ އެންމެ މަތީ ޝަރަފު، އައްޑޫ އަތޮޅު މީދޫ މޫސާ އަންވަރަށް އަރުވައިފިއެވެ. މި ޝަރަފު އެރުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައެވެ. މޫސާ އަންވަރުވަނީ ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޞިއްޙީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

މޫސާ އަންވަރު ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރައްވަން ފެއްޓެވީ އެމަނިކުފާނުގެ ޢުމުރުފުޅުން 16 އަހަރުގައި، އައްޑޫގައި އިނގިރޭސިން ތިބި ދުވަސްވަރު، ގަމުގައި ހުންނަ ރޯޔަލް އެއަރފޯސްގެ ރީޖަނަލް މެޑިކަލް ސެންޓަރުގައެވެ. އޭގެ ފަހުން 1977 ވަނަ އަހަރު މާލެއަށް ބަދަލުވެ، އޭރުގެ އެލައިޑް ހެލްތު ސަރވިސް ސެންޓަރުގައި ޕްރެކްޓިކަލް ނަރުހެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ.

މާލޭގައި މަސައްކަތްކުރެއްވި މުއްދަތުގެ ތެރޭގައި މޫސާ އަންވަރުވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން ނަރުހުންނާއި، ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި، ފެމިލީ ހެލްތު ވޯކަރުން ތަމްރީންކުރެއްވުމުގެ އިތުރުން، އޭރު ޚިދުމަތުގައި ތިއްބެވި ފޫޅުމައިންނަށް ޒަމާނީ ތަމްރީނުތައް ދެއްވުމުގައި ވެސް އެމަނިކުފާނު ވަނީ އިސްކޮށް މަސައްކަތްކުރައްވާފައެވެ.

އޭގެ ފަހުން މޫސާ އަންވަރުވަނީ މިނިސްޓްރީ އޮފް ހެލްތުގެ އެކި މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައެވެ. ރާއްޖޭގެ އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ޤާއިމްކުރި ހޮސްޕިޓަލުތައް ތަރައްޤީކުރުމުގަޔާއި، މާލޭ ސެންޓްރަލް ހޮސްޕިޓަލް އައިޖީއެމްއެޗަށް ބަދަލުކުރެއްވުމުގެ މުހިއްމު މަސައްކަތްތަކުގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެންމެ ފަހުން އެމަނިކުފާނު ޚިދުމަތް ކުރެއްވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ޝަރަފު އެރުވީ، ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް މޫސާ އަންވަރު ކުރެއްވި މަތިވެރި މަސައްކަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ. އެމަނިކުފާނުގެ ދިގު ޚިދުމަތުގެ ސަބަބުން ދިވެހި ޞިއްޙީ ދާއިރާއަށް ލިބިފައިވާ ކުރިއެރުންތައް ފާހަގަކޮށް، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ