މޯލްޑިވިއަން އައިޑޮލުން މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ ފާލިހުގެ ފޭސްބުކް އައިޑީ ވަނީ ހެކް ކޮށްފައި ކަމަށް ފާލިހުގެ އަންހެނުން މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ބުނެފިއެވެ.
މިކަމާއި ގުޅިގެން ޓްވިޓަރ މެދުވެރިކޮށް މީރާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފާލިހުގެ ފޭސްބުކް އައިޑީ ހެކްކޮށްފައި ވާކަމަށާއި އެކަމަށް ރަށްޓެހިންނާއި ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށެވެ.
މިރާ އިތުރަށް ބުނީ، ފާލިހުގެ ފޭސްބުކް އައިޑީން އެ ފޮނުވާ މެސެޖް ތަކަކީ ފާލިހް ފޮނުވާ މެސެޖް ތަކެއް ނޫން ކަމަށާއި، އެއައިޑީން ފޮނުވާ އެއްވެސް ފްރެންޑް ރިކުއެސްޓްއެއްވެސް ގާބޫލު ނުކުރުމަށް އެދޭ ކަމަށެވެ.
މަޝްހޫރު ފަންނާނުންގެ ނަމުގައި ފޭކު އެކައުންޓްތައް ހަދައި، އެމީހުންގެ އެކައުންޓްތައް ހެކްކޮއް ސޯޝަލް މީޑިއާގައި އެމީހުން ބޭޒާރު ކުރުމަކީ، ވަރަށް އާއްމުކަމެކެވެ.
މިގޮތުން ދާދި ފަހުންވަނީ ރާއްޖޭގެ ޒުވާން މަޝްހޫރު އެކްޓަރު ޖުމައްޔިލު ނިމާލް ގެ ނަމުގައި ފޭކު ފޭސްބުކް އެކައުންޓެއް ހަދައިގެން ބަޔަކު ބޭނުންކުރާކަން އޭނާ ހާމަކޮށްފިއެވެ. އަދި އެ އެކައުންޓް ބޭނުން ކުރަނީ އޭނާ ނޫންކަމަށް ޖުމަލް ވަނީ ބުނެފައެވެ.
އޭގެ އިތުރުން ގިނަ ދިވެހި ފިލްމު ތަކާއި ލަވަތައްވެސް ކުޅެފައިވާ މަޝްހޫރު ފިލްމީ ތަރި ސީޒަން ގެ ފޭސްބުކް އައިޑީ ވެސް މީގެކުރިން ވަނީ ހެކް ކޮށްފައެވެ.




