ދިވެހި ކޮންމެ އާއިލާއަކަށް އުފަންވާ ކޮންމެ ކުއްޖަކީވެސް، އެންމެ ޅަފަތުން ފެށިގެން ޢާއިލީ ލޯތްބާއި އޯގާތެރިކަން ލިބޭނެ ކުދިންކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ ދުވަހުގެ މުނާއްސަބަތުގައި ރައީސް ޞޯލިހު މިއަދު ދެއްވި ޚިޠާބުގައި ވިދާޅުވީ، ދިވެހި ކުޑަކުދީންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި، އިތުރަށް ހަރުދަނާ ކުރަންޖެހޭ ބައެއް ކަންތައްތަކެއް އެބަހުރި ކަމަށާއި، މިހާރު ސަރުކާރުން އެންމެ މުހިންމު އިސްކަމެއް ދީގެން ކުރަމުންދާ ކަމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް ފާސްކުރުމުގެ މަސައްކަތް ކަމަށެވެ.
ރައީސް ވިދާޅުވީ، ޢުމުރަށް އަޅައިގެން އަންނައިރު، ކޮންމެ ކުއްޖަކީވެސް ޒިންމާދާރު އަދި ފަރުދީ މަސްއޫލިއްޔަތުތަކަށް އަހުލުވެރިވެފައިވާ ކުއްޖަކަށް ހެދޭނީ، މައިންބަފައިންނާއި ބެލެނިވެރިންވެސް، އެކުދިންގެ އެންމެ ޅަފަތުން ފެށިގެން، އެ ކުދިންނަށް ރަނގަޅު މަގު ދައްކައިގެން ކަމަށެވެ.
"ޢުމުރުފުރާތަކާ އެކަށީގެންވާ ގޮތުން، އެ ކުދިންނަށް ދެވޭ ކޮންމެ މިނިވަންކަމަކާއެކު، އެކުދިންގެ ކޮނޑުގައި ޒިންމާތަކެއްވެސް އެޅިގެންދާކަން، އަބަދާއިއަބަދު ހަނދާންކޮށްދިނުމަކީ ބެލެނިވެރިންގެ ޒިންމާއެއް. ހަމައެއާއެކު، އެ މިނިވަންކަމުގެ ބޭނުން ހިފަނީ އެންމެ އެކަށީގެންވާ ގޮތުގައިކަން ކަށަވަރުކުރުމަކީވެސް ބެލެނިވެރިންގެ މަސްއޫލިއްޔަތެއް." ރައީސް ވިދާޅުވިއެވެ.
އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ތުއްތު ކުދިން ތަރުބިއްޔަތު ކުރެވިގެން ނޫނީ، ފަޚުރުވެރި ޢާއިލާއެއް ބިނާކުރުމަށް، ދެކޭ ހުވަފެން ޙަޤީޤަތަކަށް ނުހެދޭނެ ކަމަށާއި، ބަވަނަވެފައި މިވާ އިންސާނީ މުޖްތަމަޢުގައި ފެތުރެމުންދާ، ބައިބައިކުރުމާއި ފަސާދަކުރުމުގެ ފިކުރުތަކުން ދަރީން ދުރުހެލިކޮށް، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ ވިސްނުން އަށަގެންނުވޭނީ، އެގޮތުގައި ދަރިން ތަރުބިއްޔަތު ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
"ދަރީންގެ އިޙްތިރާމާއި އެހީތެރިކަން، މައިންބަފައިންނަށް ލިބެނީ، ލޯތްބާއި އޯގާތެރިކަމުގެ އުނގެއްގައި އެކުދިން ތަރުބިއްޔަތު ކުރެވިގެން. މުޖްތަމަޢުގެ ރީތި ސިފަތަކާއި އާދަތަކުން ޒީނަތްތެރިވުމަށްޓަކައި، އެކުދީން ހެދިބޮޑުވެ ތަރުބިއްޔަތުވަމުން އަންނަ ޢާއިލާއަކީ، ލޯތްބާއި އޯގާތެރިކަމާއެކު އެކަކު އަނެކަކާ މުޢާމަލާތުކުރާ މާޙައުލަކަށް ވާންޖެހޭ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ސުޕާރީއާއި، އެނަރޖީ ބުއިންތަކާއި، ހަކުރު ގިނަ ބުއިންތަކާއި، ޞިއްޙަތަށް ނުރަނގަޅު ތައްޔާރީ ކާނާގެ ބާވަތްތަކާ، ތުއްތު ކުދިން ދުރުކުރުމަށްޓަކައި، މައިންބަފައިން އަދި ބެލެނިވެރިން ފަރުދީ ޒިންމާ އުފުލުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.




