މެއި މަހުގެ 31 ވަނަ ދުވަހުން ފެށިގެން މައްކާގައި ހުންނަ މިސްކިތްތައް ފިޔަވައި ސައުދީގެ އެހެން މިސްކިތް ތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ.
ސައުދީގައި އިއުލާން ކޮށްފައިވާ ލޮކްޑައުންއަށް ލުއި ދިނުމުގެ ގޮތުން ބައެއް ކަންކަމުގެ ހުއްދަ ދިނުމަށް ސައުދީ ސަރުކާރުން ވަނީ ނިންމައިފައެވެ. ސައުދީގެ އިންޓީރިއަރ މިނިސްޓްރީން ބުނެފައިވަނީ ލޮކްޑައުންއަށް ލުއި ދިނުމަށް ނިންމާފައިވަނީ 3 މަރުހަލާ އަކަށް ބަހައިލައިގެން ކަމަށެވެ.
އެގޮތުން ފުރަތަމަ މަރުހަލާގައި މެއި މަހުގެ 28 އިން ފެށިގެން ޕްރައިވެޓް ކާރު ތަކަށް މައްކާފިޔަވައި އެހެން ސިޓީ ތަކުގައި ހެނދުނު 6:00 އިން ދަންވަރު 3:00 އާއި ހަމަޔަށް، ދަތުރު ކުރެވޭނެ ކަމަށާއި ޕްރައިވެޓް ކާރު ތަކުގައި އެއް ސިޓީއިން އަނެއް ސިޓީއަށް ވެސް ދަތުރު ކުރެއްވޭނެ ކަމަށް ބުނެފައި ވެއެވެ.
ނަމަވެސް ފިހާރަތަކާއި މޯލްތަކާއި ސެލޫން ތަކާއި ކުޅިވަރު ކުލަބް ތަކާއި ޖިމްތަކާއި މުނިފޫހިފިލުވުމުގެ ހަރާކާތްތައް ހިންގާ ތަންތަނާއި ސިނާމާތައް އަދިވެސް ހުންނާނީ ބަންދު ކޮށްފައިކަމަށް ސައުދީގެ އިންޓީރިއަރ މިނިސްޓްރީން ހާމަކުރައްވާފައި ވެއެވެ.
2 ވަނަ މަރުހަލާގެ ދަށުންވެސް މައްކާ ފިޔަވައި ދެންހުރި ސިޓީ ތަކުގައި މެއި 31 ވަނަ ދުވަހުން ފެށިގެން ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 8:00 އާއި ދޭތެރޭ ބައެއް ލުއިތައް ދިނުމަށް ވަނީ ނިންމާފައެވެ. އެދުވަހުން ފެށިގެން މިސްކިތްތައް ހުޅުވާލުމުގެ އިތުރުން މިނިސްޓްރީ ތަކާއި ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް ކުންފުނި ތަކުގެ މަސައްކަތް ފެށުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ. އަދި އެދުވަހުން ފެށިގެން ޕަބްލިކް ޓްރާންސްޕޯޓު ހުޅުވާލައި ޑޮމެސްޓިކް ފްލައިޓްތައް އޮޕަރޭޓު ކުރުމުގެ ހުއްދަ ދިނުމަށްވެސް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް އަދިވެސް ބޭރުގެ އުދުހުންތަކަށް އެއާޕޯޓުތައް ހުޅުއްވާނުލައްވާނެ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ.
ދެވަނަ މަރުހަލާގައި ކެފޭ ތަކާއި ރެސްޓޯރެންޓު ތަކުގެ އިތުރުން ކާބޯތަކެތީގެ ހިދުމަށް ދޭ ތަންތަން ހުޅުވުމުގެ ހުއްދަ ދޭއިރު ސެލޫން ތަކާއި ކުޅިވަރު ކުލަބް ތަކާއި ޖިމްތަކާއި މުނިފޫހިފިލުވުމުގެ ހަރާކާތްތައް ހިންގާ ތަންތަނާއި ސިނާމާތައް އަދިވެސް ހުންނާނީ ބަންދު ކޮށްފައިކަމަށް އިންޓީރިއަރ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި 50 މީހުންނަށްވުރެ ގިނަ މީހުން އެއްވެގެން ކުރާކަންތައްތައް ކުރުންވެސް މަނާވާނެ ކަމަށް އިންޓީރިއަރ މިނިސްޓްރީން ވަނީ ބުނެފައެވެ.
ޖޫން 21 އިން ފެށިގެން 3 މަރުހަލާ ފެށުމަށް ނިންމާފައިވާއިރު މިއީ މުޅިގައުމު އެއްކޮށް ކުރިންވެސް އޮތް ހާލަތަށް ގެންނަ މަރުހަލާއެވެ. އެގޮތުން ޖޫން 21 އިން ފެށިގެން ލޮކްޑައުންގައި އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވާލައި ކުރިންވެސް ގައުމު އޮތ ހާލަތަށް ގެންނާނެއެވެ.
އުމުރާގެ އަޅުކަން އަދާކުރުން އެހެންނަމަވެސް ވަގުތީ ގޮތުން އަދިވެސް އޮންނާނީ ހުއްޓާލާފައި ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.



