ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ - ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ނިރުބަވެރި ހަމަލާއެއް ދޭން އުޅޭކަން އެނގިފައެއް ނެތް - ޑިފެންސް މިނިސްޓަރ

ދިވެހިރާއްޖެއަށް ނިރުބަވެރި ހަމަލާއެއް ދޭން އުޅޭކަން އެނގިނުލައްވާކަމަށް ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ދީނީ ގޮތުންނާއި އަދި އެނޫންވެސް ގޮތްގޮތުން ހައްދު ފަހަނައަޅައި ދިއުމުގެ ފިކުރުތައް އާލާވެގެން ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ލަންކާއަށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާތަކަށް ފަހު އެފަދަ ހަމަލާއެއް ރާއްޖެއަށް ކުރިމަތިވުގެެ ބިރު އެބައޮތްތޯ އެ ނޫހުން ސުވާލުކުރުން ޖަވާބުގައި މާރިޔާ ވިދާޅުވީ އެފަދަ ހަމަލާއެއް ދޭން އުޅޭކަން އެނގިފައިނުވާ ކަމަށާއި، ނަމަވެސް އެފަދަ ކަމަކަށް ތައްޔާރުވުމަށް ސިފައިން ތަމްރީންތައް ހަދަމުންދާ ކަމަށެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ހައްދު ފަހަނައަޅައިދިއުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ދެ ސީނިއާ ލެވަލް ކޮމެޓީއާއި، ކައުންޓާ ޓެރެރިޒަމް ސްޓިއަރިން ކޮމެޓީއެއްގެ އިތުރުން ކައުންޓާ ރެޑިކަލައިޒޭޝަން ކޮމެޓީއެއް މިހާރުވެސް ރާއްޖޭގައި އޮންނަ ކަމަށެވެ.

"ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ހައްދަ ފަހަނައަޅާފައިވާ މީހުން ހަމަ މަގަށް ގެނައުމަށް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ފަރުމާކުރުމުގެ މަސައްކަތް. އަދި ހައްދު ފަހަނައަޅައިދިއުމުގެ ނުރައްކާތަކަށް ތައްޔާރުވެ އެކަންކަން ހުއްޓުވުމަށް ބޭނުންވާ ކަންތައްތައް ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލްކަން އިތުކުރުމަށް ސިފައިންނާއި ސެކިއުރިޓީ އޭޖެންސީތަކުން ދަނީ މަސައްކަތް ކުރަމުން" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުން ހަމަ މަގަށް އެޅުވުމުގެ ގޮތުން ރިހިބިލިޓޭޝަން ޕްރޮގްރާމެއް ރާއްޖޭގައި ފަރުމާކުރަން ފަށާފައިވާ ކަމަށާއި، ނިރުބަވެރި އަމަލުތައް ހުއްޓުވުމަށް މި ސަރަހައްދުގެ ގައުމުތަކުން އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ. އިންޓެލިޖެންސް މައުލޫމާތުތައް އެއް ގައުމު އަނެއް ގައުމަށް ހިއްސާކޮށް ޑިފެންސް ސެކިއުރިޓީއާ ސަޕޯޓް ދޭން ޖެހޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް ނިރުބަވެރި ހަމަލާއެއް ދޭން އުޅޭކަން އެނގިނުލައްވާކަމަށް ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވުވިއިރު، ރާއްޖެއަށް އެފަދަ ހަމަލާއެއް ދީފާނެކަމަށް ލަފާކޮށް އެމެރިކާއިން ވަނީ ޓްރެވަލް އެޑްވައިޒަރީ ނެރެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ