ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ބާރކީނޯ ފާސޯގައި މީހަކު ބަޑިން ހަމަލާދީ 30 މީހުން މަރާލައިފިއެވެ.
މިއަދު ހިނގި މިހާދިސާގައި ބަޑިން ހަމަލާދިން މީހާ ހަމަލާދީފައިވަނީ ނައަމްސޫފި ވިއްކާ ބާޒާރަކަށް ސައިކަލެއްގައި އައުމަށް ފަހު މެންދުރުގެ ވަގުތުގައެވެ.
މިހާތަނަށް މިހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އުފުލާފައި ނުވާއިރު މިފަހަކަށް އައިސް ދީނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ގުރޫޕުތަކުން ބާރކީނޯ ފާސޯގައިދޭ ހަމަލާތައްވަނީ އިތުރުވެގެން ގޮސްފައެވެ.
މިގޮތުން އިއްޔެ ދިން މިފަދަ ހަމަލާއެއްގައިވެސް 15 މީހުން މަރާލައިފައި ވެއެވެ. މިހަމަލާ އަމާޒު ކޮށްފައިވަނީ އެގައުމުގެ އުތުރުގައި ދަތުރުކޮށްފައިދިޔަ ވިޔަފާރި ގާފިލާއަކަށެވެ.
މި ހުރިހާ ހަމަލާއެއް ދޭކަމުގެ ޒިންމާވެސް ސަރުކާރުން އަޅުވަނީ ޖިހާދީ ފިކުރުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބޮލުގައެވެ. އަދި މި ޖަމާއަތްތަކާއި ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތްތައް އެތައް ތަނެއް އިތުރުކޮށް ކާމިޔާބީތައް ހޯދެން ފަށައިފައި ވާކަމަށްވެސް ސަރުކާރުން ބުނެއެވެ.



