އެފްރިކާ ބައްރުން ޕޯލިއޯ ނައްތާލެވިފައިވާކަން އިއުލާން ކޮށްފި

އެފްރިކާ ބައްރުން ޕޯލިއޯ ނުވަތަ ވާބަލި ނައްތާލެވިފައިވާކަން އެފްރިކާ ރީޖަނަލް ސެޓިފިކޭޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

ވާބަލި(Poliomyelitis) ނުވަތަ ޕޯލިއޯ އަކީ ވައިރަސް އަކުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. ތަރައްގީވަމުން އަންނަ 3 ވަނަ ދުނިޔޭގެ ގައުމުތަކުގައި ވާބަލި ބޮޑަށް ޢާންމު ވެފައިވަނީ ތުއްތު ކުދިންނާއި ޕްރީސުކޫލް އުމުރުފުރާގެ ކުދިންގެ މެދުގައެވެ. ނަމަވެސް ތަރައްގީވެ ކުރިއަރާފައިވާ ގައުމުތަކުގައި މިބަލި ބޮޑަށް އާންމީ ބޮޑެތި މީހުންގެ މެދުގައެވެ. އާންމު ގޮތެއްގައި ފިރިހެނުންނަށް ބަލިޖެހޭ ނިސްބަތް އިތުރެވެ. އަދި ހޫނު މޫސުމުގައި ފެތުރޭ މިންވަރު ވެސް މައްޗެވެ.

މިހާތަނަށް އެއްވެސް ބޭހެއް ހޯދިފައި ނުވާ ޕޯލިއޯ މީގެ 25 އަހަރުކުރިން އެފްރިކާގެ ގިނަ ކުޑަކުދިން ތަކަކަށް ޖެހިފައި ވެއެވެ. ނަމަވެސް މިއަދު އެފްރިކާގައި ހިނގި ކާމިޔާބު ވެކްސިން ޕުރަގުރާމްތަކާއެކު މިބަލި މިވަނީ އެފްރިކާއިން އެކީއެކަށް ނައްތާލެވިފައެވެ.

މިވަގުތު މުޅި ދުނިޔެއިންވެސް މިބަލި ނައްތާ ނުލެވިވާކަމަށް ރިކޯޑް ކުރެވިފައިވާ ދެގައުމަކީ ޕާކިސްތާނާއި އަފްގާނިސްތާނެވެ. މި ދެގައުމުން މިބަލި ނައްތާ ނުލެވިވަނީ ވެކްސިން ދިނުމުގައި ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކާއި ގުޅިގެން ކަމަށް ކަމުގެ މާހިރުން ވިދާޅުވެއެވެ.

އެފްރިކާއިން އެންމެ ފަހުން މިބަލި ނައްތާލި ގައުމަކީ ނައިޖީރިއާއެވެ.

ޕޯލިއޯ ޖެހިގެން ވާގިނެތޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 10-5 އިންސައްތަ މީހުން ނޭވާލުމުގެ މަސައްކަތް ފޭލްވެ ހުއްޓުމުގެ ސަބަބުން މަރުވެއެވެ. އެއީ ނޭވާލުމުގެ ޝާމިލްވާ މަސްތައް ވާގިނެތި ބާރުދިއުމުން އަމިއްލައަށް ނޭވާލުމަށް ބަލިމީހާ ނުކުޅެދުމުގެ ސަބަބުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ