ބިލެއްދޫ ވެވު ކޮނެ ނިންމާފައި - ފޮޓޯ: މިނިސްޓްރީ

ބިލެއްދޫ ވެވަކީ އާސާރީ ތަނެއް، ކޮނެ ނިންމާލީ އެންގުމާ ޚިލާފަށް - ހެރިޓޭޖް

ބ.ބިލެއްދޫ ކައުންސިލުން ކޮނުނު ވެވަކީ ގެޒެޓްކޮށްފައިވާ ދިވެހިރާއްޖޭގެ އާސާރީ ތަންތަނުގެ ދަފްތަރުގައި ހިމެނޭ ސަރަހައްދެއް ކަމަށާއި، ވެވު ކޮނެ ނިންމާލާފައިވަނީ އެންގުމާ ޚިލާފަށް ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން ވިދާޅުވެއްޖެއެވެ.

ބިލެއްދޫ ކައުންސިލުން ކޮނުނު ވެވާ ގުޅޭގޮތުން ހެރިޓޭޖް މިނިސްޓްރީން ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވީ، ވެވު ކޮންނަކަން ކައުންސިލުން މިނިސްޓްރީއަށް އަންގާފައި ނުވާ ކަމަށާއި، އެތަން ކޮންނަކަން މިނިސްޓްރީގެ ސަމާލުކަމަށް އައީ މީސްމިޑީއާއިން ކަމަށެވެ. އެވެވަކީ އާސާރީ ތަނެއްކަން އެނގުނު ހިސާބުން، އެކަން ހުއްޓާލުމަށް މިނިސްޓްރީން ކައުންސިލަށް ފޯނުން ގުޅައި އަދި ލިޔުމުން އަންގާފައިވާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އާސާރީ ތަންތަން ކޮންނަން ވާނީ ވަކި ވަކި އުޞޫލެއްގެ މަތިން ކަމަށާއި ނަމަވެސް، މިނިސްޓްރީގެ އެންގުމަށް ބެލުމެއްނެތި ބިލެއްދޫ ކައުންސިލުން ވެވު ކޮނެ ނިންމާފައިވާކަމަށް ހެރިޓޭޖްގެ ބަޔާނުގައި ބުނެފައިވެއެވެ.

ބިލެއްދޫ ވެވު ކޮނުމުގެ ތެރެއިން - ފޮޓޯ: މިނިސްޓްރީ

"ދިވެހިރާއްޖޭގެ އާސާރީ އަދި ތާރީޚީ ތަންތަނާއި ތަކެއްޗާއި ބެހޭ ޤާނޫނުން އާސާރީ ތަންތަން ހަލާކުކޮށް ރޫޅައި، އެފަދަ ތަންތަނާއި ތަކެއްޗަށް ގެއްލުން ދިނުމަކީ މަނާކަމެއް." ހެރިޓޭޖްގެ ބަޔާނުގައި ބުނެފައިވެއެވެ.

ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ، އެފަދަ ތަނެއް ރައްކާކުރެވޭނެ ގޮތްތަކެއް ނުހޯދައި، ބަލަހައްޓާނެ ގޮތުގެ ތަސައްވުރެއް ނެތި ކޮނުމަކީ ދެވޭ ގެއްލުމެއް ކަމަށާއި، މިފަދަ ތަންތަން ކޮނުމަށް ބޭނުންކުރާ އާލާތްތައް ބޭނުންނުކޮށް ކޮނުމަކީ އެފަދަ ތަކެއްޗަށް ގެއްލުން ލިބިދާނެ ކަމެއް ކަމަށެވެ.

"އާސާރީ ތަންތަނާއި ތަކެތީގެ އެންމެ ބޮޑު މިލްކުވެރިންނަކީ ދިވެހި ރައްޔިތުން. އާއްމު ރައްޔިތުން ބައިވެރިކޮށްގެން، ކައުންސިލްތައް ބާރުވެރި ކުރުވައިގެން ތަރިކަ ހިމާޔަތް ކުރުމަކީ މުހިންމު ކަމެއް." ހެރިޓޭޖް މިނިސްޓްރީން ވިދާޅުވިއެވެ.

ސަގާފީ ތަރިކަ ކަމުގައި ކަނޑައަޅާފައިވާ ތަންތަނުގައި މަސައްކަތްތައް ކުރައްވާނަމަ ހެރިޓޭޖް މިނިސްޓްރީއާ ހިއްސާކުރައްވައިގެން ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް