ބަދިގެތެރޭން މިފަހަރު މި ގެނެސްދެނީ ކަދުރު ޕުޑިން ކޭކް ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
- 400 ގްރާމު ކަދުރު (އޮށް ނަގާފައި ހުރި)
- 250 ގްރާމް އަންސޯލްޓެޑް ބަޓަރ (ރަނގަޅަށް ފިނިކެނޑިފަ ހުރި)
- 250 ގްރާމު ހަކުރު
- 7 ކުކުޅު ބިސް
- 250 ގްރާމު ގޮދަން ފުށް
- 2 ސައި ސަމުސާ ބޭކިން ޕައުޑަރ
- 2 ސައި ސަމުސާ ބޭކިން ސޮޑާ
- 1 އޮރެންޖުގެ ތޮށި ހިމުންކޮށް ގާނާފަ
- 2 ސައި ސަމުސާ ވެނީލާ އެސެންސު
ތައްޔާރުކުރާނެ ގޮތް:
ކޭކު އެޅުމުގެ 4 ގަޑިއިރު ކުރިން ކަދުރުކޮޅު ތާފަނާ ފެންފޮދަކަށް އެޅުމަށްފަހު މަތި ބަންދު ކޮށްލާފައި ބަހައްޓާށެވެ. ބަޓަރާއި ހަކުރު، އަދި ހިމުންކޮށް ގާނާފައިހުރި އޮރެންޖު ތޮށި މިކްސްޗަރުން ރަނގަޅަށް ކްރީމް ވަންދެން ގަށާލާށެވެ. ދެން ފަހަރަކު ބިހެއްގެ މަގުން ބިސް އަޅަމުންގޮސް ހުރިހާ ބިހެއް އެއްކޮށް އަޅާލާށެވެ. އެއަށްފަހު ފެނުއެޅުއްވި ކަދުރުކޮޅުން ފެން އޮހޮރާލުމަށް ފަހު ރަނގަޅަށް ވެނީލާ އެސެންސު ފޮދާއިއެކު އަތުން ޗަސްކޮށްލާށެވެ. އެއަށްފަހު ބިސް އެއްކޮށް ނިމުމުން ގޮދަން ފުށާއި ބޭކިން ޕައުޑަރާއި ސޮޑާ އެޅުމަށްފަހު ރަނގަޅަށް ފުށްގަނޑު އެއްކޮށްލާށެވެ. އެއަށްފަހު ޗަސްކޮށްލާފައި ހުރި ކަދުރުކޮޅު މަޑުމަޑުން އެއްކޮށްލާށެވެ. ކޭކު ފިހަން ތައްޔާރު ކޮށްފައި ހުރި ޓްރޭއަކަށް އެޅުމަށްފަހު ރޯފިލަންދެން 175 ޑިގްރީގައި ފިހާށެވެ.
މިހާރު ތިހުރީ ކަދުރު ޕުޑިން ކޭކް ތައްޔާރުކުރެވިފައެވެ.