އިދިކޮޅު ކޯލިޝަނުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) އަށް ޝުކުރު ދަންނަވައިފިއެވެ.
ނަޝީދުއަށް ޝުކުރު ދަންނަވާ އިދިކޮޅުން އިއްޔެ ފޮނުވި ސިޓީގައިވަނީ، ކައުންސިލަރުންގެ ދައުރު ދިގުދައްމާލުމަށް ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމަށް ފެށި މަޖިލީހުގެ ޖަލްސާގައި އެކޯލިޝަނަށް ނިސްބަތްވާ ޕީ.ޕީ.އެމް.ގެ ނާއިބު ރައީސް، ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޝިޔާމް ނެންގެވި ނިޒާމީ މައްސަލައަށް ފުރުޞަތު ދެއްވުމެއް ނެތި މަޖިލީހުގެ ޤަވާއިދާއި ޚިލާފަށް އެމަނިކުފާނުގެ ނަން އިއްވުމަށްފަހު، ރިޔާސަތުގެ އަމުރަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން އެއްވެ، އެމަނިކުފާނަށް އަނިޔާ ކުރަމުން ގެންދިޔަ އިރު (މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި އިންނެވިނަމަވެސް) މަނިކުފާނު އަޙްމްދު ޝިޔާމްގެ ހިމާޔަތުގައި ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތަކަށްޓަކައި ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ.
އަދި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި، އަދި ސުޕްރީމް ކޯޓުގެ އިސްތިޝްރީ ލަފަޔާވެސް ޚިލާފަށް ޤާނޫނުއަސާސީ އިސްލާޙު ކުރުމަށް ސަރުކާރާއި މަޖިލީހުން ގުޅިގެން ކުރަމުން ގެންދިޔަ މަސައްކަތްތަކުގައި، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ނެގެހެއްޓެވުމުގައި ސާބިތުވެ ހުންނަވައިގެން އެމަނިކުފާނު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތަކުގެ އަގު އެކޯލިޝަނުން ވަޒަން ކުރާކަމުގައިވެސް އެސިޓީގައިވެއެވެ.
"މަޖިލީހުގެ ރައީސްއަށް މަޖިލީހުގެ ޤަވާއިދަށް ރުޖޫޢަވެވަޑައިގެން ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް މަޖިލީސް ކުރިއަށް ގެންދެވުމަށް ނަސޭހަތްތެރިވެވަޑައިގެން ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ޢިއްޒަތާއި ކަރާމަތް ނެގެހެއްޓުވުމުގައި ދެއްކެވި ސާބިތުކަމަކީ ހަމަ ޔަޤީނުންވެސް ދިވެހި ރައްޔިތުންނާއި މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ނޮޅިވަރަމް ދާއިރާގެ ރައްޔިތުން ފަޚުރުވެރިކަމާއެކު ފާހާގަ ކުރާނެ ކަމެކެވެ." އެސިޓީގައި ވެއެވެ.
މަޖިލީހުގެ އެޖަލްސާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، ޝިޔާމް އަށް ހަމަލާދިނުމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އެންގެވި ކަމަށް އިދިކޮޅުންވަނީ ތުޙުމަތުކުރައްވާފައެވެ. އަދި މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެކޯލިޝަނަށް ނިސްބަތްވާ، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފްގެ ގައިކޮޅުގައި ފައިކުރުކޮށް ކޮޅުފައިން ޖެހި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމައްސަލަ ބަލައި ދިނުމަށްވެސް އިދިކޮޅުން ގޮވާލާފައިވެއެވެ.



