އަމިއްލަ ދަނޑުގައި ޑޯޓުމުންޑަށް ކުޅުނު ފަހު މެޗުގައި ޖައިދިން ލަނޑަށްފަހު އެކުރެވުނު އިޙްސާސަށްވުރެ އުފާވެރި އިޙްސާސެއް ނުކުރެވޭނެކަމަށް ޕުލިސިޗް ބުނެފިއެވެ.
ޑޯޓުމުންޑްގެ މެދުތެރެއަށް ކުޅެމުން އަންނަ ޕުލިސިޗް އަންނަ ސީޒަންގައި ފެނިގެންދާނީ ޗެލްސީއިންނެވެ. ރޭގެ މެޗަށް ފަހު ޕުލިސިޗަށް ޢަލްވަދާޢު ކިއުމަށް ސިގްނަލް އިޑުނާ ޕާކްގައި ބޭއްވު ޚާއްސަ ހަރަކާތުގައި ޕުލިސިޗްވަނީ މުޅި ޓީމަށް ޝުކުރު އަދާކޮށްފައެވެ.
ޕުލިސިޗް ޗެލްސީއަށް ސޮއިކުރީ މިދިޔަ ޖެނުއަރީ މަހުއެވެ. އަދި އެއަށްފަހު ލޯނެއްގެ ދަށުން ސީޒަން ނިމެންދެން ޑޯޓުމުންޑްގައި މަޑުކުރިއެވެ.
އެމެރިކާގެ ޤައުމީ ޓީމަށް ކުޅޭ ޕުލިސިޗް ޑޯޓުމުންޑް ޖާޒީގައި ކުޅުނު ފަހު މެޗުގައި ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. 3-2 ގެ ނަތީޖާއަކުން ފޯޗުނާ އަތުން ޑޯޓުމުންޑް މޮޅުވެފައިވާއިރު ބުންޑެސްލީގާ ކާމިޔާބު ކުރާ ފަރާތެއް އެނގިގެންދާނީ އެންމެ ފަހު މެޗުންނެވެ.
ފޯރިގަދަ މެޗެއް ފެނިގެންދިޔަ މިމެޗުގައި ފެނިގެން ދިޔަ ފުރަތަމަ ލަނޑު ޖަހައިދިނީ ޕުލިސިޗްއެވެ. ޕުލިސިޗްގެ މިލަނޑާއެކު ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ނިންމާލިނަމަވެސް ދެވަނަ ހާފުގެ ފެށުންދިޔައީ ޑޯޓުމުންޑުން ހީކުރިގޮތާ މުޅިން ޚިލާފަށެވެ.
ދެވަނަ ހާފު ފައްޓައި އެންމެ ދެމިނެޓް ތެރޭގައި ފޯޗުނާއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. އޮލިވާ ފިންކްގެ މިލަނޑާއެކު ޑޯޓުމުންޑްގެ ކުޅުން ވަރުގަދަކުރިއެވެ. އަދި އޭގެ ހަމިނަޓް ފަހުން ދެވަނަ ފަހަރަށް ޑޯޓުމުންޑްއިން މެޗުގައި ލީޑްނެގިއެވެ. ޑެލަނޭގެ މިލަނޑަށްފަހު ޑޯޓުމުންޑްއިންލީޑު އިތުރަށް ފުޅާކުރީ އިތުރުވަގުތުގައި ގޮޓްޒޭ ކާމިޔާބުކޮށްދިން ލަނޑަކާއެކުގައެވެ.

ހިތްވަރު ދޫކޮށް ކުޅުނު ފޯޗުނާއިން މެޗުގެ ފަހު ވަގުތު ކޮޅުގައި ލަނޑެއްޖަހައި ލަނޑުގެ ފަރަގުވަނީ ކުޑަކޮށްފައެވެ. މިމެޗުގައި އެއްރަތްކާޑުވަނީ ފެނިގެން ގޮސްފައެވެ.
އުމުރުން 20 އަހަރުގެ ޕުލިސިޗް ޑޯޓުމުންޑާއި ގުޅުނީ މީގެ ހަތަރު އަހަރު ކުރިންނެވެ. އޭރު އޭނާގެ އުމުރަކީ 15 އަހަރެވެ. ޕުލިސިޗް ޑޯޓުމުންޑްއާއިއެކު 17 އަހަރުން ދަށުގެ ބުންޑެސްލީގާ ތައްޓާއި، 19 އަހަރުން ދަށުގެ ބުންޑެސްލީގާ ތަށި ކާމިޔާބުކޮށްފައިވެއެވެ. އަދި 16/17 ސީޒަންގެ ޖަރުމަން ކަޕްވެސްވަނީ ކާމިޔާބުކޮށްފައެވެ.
ރޭ ބަޔާން މިއުނިކް ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި ދެޓީމު އެއްވަރުވެގެންނެވެ. 75 ޕޮއިންޓާއެކު ތާވަލުގެ އެއްވަނާގައި ބަޔާން އޮތްއިރު ދެވަނާގައި ޑޯޓުމުންޑްއޮތީ 73 ޕޮއިންޓާއެކުގައެވެ.
ލީގު ގެ އެންމެ ފަހު މެޗުތައް މިމަހު 18 ވަނަ ދުވަހުގެ ރޭ 06:30 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު ޑޯޓުމުންޑް ބައްދަލުކުރާނީ މޮންޝެންގްލެޗްބާޚްއާއެވެ. އަދި ބަޔާން ކުޅޭނީ އައިންޓްރަޚްޓްއާއި ދެކޮޅަށެވެ. ބުންޑެސްލީގާ ކާމިޔާބުކުރާ ޓީމެއް އެނގިގެންދާނީ އެދެމެޗުގެ ނަތީޖާއަށް ފަހުގައެވެ.



