މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ވައިގެ މަގުން އައްޑޫ ސިޓީއަށް ދަތުރުކުރަމުންދާ މީހަކު ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މެއި 11 ވަނަ ދުވަހުގެ 16:15 ހާއިރު، 44 އަހަރުގެ ފިރިހެނެއް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
"އެއަރޕޯރޓުން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކޯޓު އަމުރެއްގެ ދަށުން މިމީހާގެ ހަށިގަނޑު އެކްސްރޭ ނަގައި ބެލިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެދަޅު ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ތަހުޤީޤުކުރަމުންދާއިރު، މާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.



