އިބްރާޙިމް ރަޝޯދު (ބޮންޑޭ) މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ | ފޮޓޯ: މަޖިލިސް

ފެބްރުއަރީ 8 ގައި ބޮންޑޭ އަށް އަނިޔާކުރި ވީޑިއޯއެއް މަޖިލީހުގައި ދައްކައިފި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަށް 2012 ފެބްރުއަރީ 8 ގައި އަނިޔާކުރި ވީޑިއޯއެއް މަޖިލީހުގައި ދައްކައިފި އެވެ.

ބޮންޑޭ އަށް ފުލުހުން އަނިޔާ ކުރާ މި ވީޑިއޯ މަޖިލީހުގައި ދައްކާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ގެ އެދިވަޑައިގަތުމަކަށެވެ.

ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގެ ބަހުސް ގައި ވާޙަކަފުޅު ދައްކަވަމުން އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ފުލުހުންގެ މުއައްސަސާގައި ތިބި ބައެއް ފުލުސް އޮފިސަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖިނާއީ ބޮޑެތި ތުހުމަތުތައް ކުރެވޭ ބައެއް ފުލުހުންވެސް، ފުލުހުންގެ މުއައްސަސާގައި އެބަ ތިއްބެވިކަމަށެވެ. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ފުލުހުންގެ މުއައްސަސާ އިސްލާޙް ކުރަން ޖެހޭ ކަމަށާއި ފުލުހުންގެ ފަރާތުން އެމްޑީޕީގެ މެންބަރުންނަށް އިންތިހާއަށް އަނިޔާ ލިބިފައި ވާކަމަށެވެ. އަދިވެސް މިކަންތައްތަކަށް އިންސާފު ލިބިފައި ނުވާކަމަށްވެސް އިންތި ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވީ ޕޮލިސް ރިފޯމްގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ބައެއް ސިޔާސީ ފަރާތްތަކުންނާއި މަޖިލީހުގެ ބައެއް މެންބަރުންވެސް އެއީ ޒާތީ ކަމެއްގެ ގޮތުގައި ސިފަކުރާތީ ވަރަށް ކަންބޮޑުވާ ކަމަށެވެ. ރިޔާސީ ކެމްޕެއިންގައި ވެސް މަޖިލިސް ކެމްޕެއިންގައިވެސް އެމްޑީޕީން ވައުދު ވެފައިވަނީ އަނިޔާވެރިކަން ނައްތާލުމަށް ކަމަށާއި އެއީ ޒާތީ ކަމެއްކަމަށް ނުވިސްނޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ