މިއުޒިކީ ޙަޔާތް ސިފަކޮށްދެވޭނީ ފައިސާހުރެ ހަނަފަސް ސަޙަރާއެއްގައި އުޅުންފަދައިންކަމަށް ދިވެހި ހިޕްހޮޕް މިއުޒިކްގައި މަޝްހޫރުކަން ހޯދި ރެޕް ލަވަކިޔުންތެރިޔާ ސުޢާދު ޢަބުދުއްރަޙީމް (ޒިޕްސް) ބުނެފިއެވެ.
ޒިޕްސް މިއުޒިކާއި ދުރަށް ގޮސްފައިވާކަން ހާމަކޮށްފައިވަނީ މިދިޔަ މެއި މަހުގެ ކުރީކޮޅުއެވެ. އަދި ޒިޕްސް މިއުޒިކާއި ދުރުވި ހިސާބުން ފެށިގެން އޭނާ މިއުޒިކާއި ދުރުވި ސަބަބަކީ ކޮބައިތޯ އެތަށްބަޔަކު ސުވާލުކުރަމުން އަންނަކަމަށެވެ. އެގޮތުން ވަކިވަކިން އެންމެންނަށް ޖަވާބު ދިނުމުގެ ބަދަލުގައި އެއެންމެންގެ ސުވާލުތަކަށްވެސް ޒިޕްސް ޖަވާބު ދީފައިވަނީ ފޭސްބުކް ޕޯސްޓަކުންނެވެ.
އެގޮތުން ބުދަ ދުވަހު ޒިޕްސް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، މިއުޒިކާއި ދުރުވުމަކީ ޙަޔާތުގައި މިހާތަނަށް އޭނާއަށް ދިމާވި އެންމެ އުނދަގޫ ނިންމުންކަމަށެވެ.
ޒިޕްސް ބުނި ގޮތުގައި އޭނާއަށް ވިސްނެން ފެށުނީ ދުނިޔެވީ މަޝްޙޫރުކަމާއި ފައިސާއިން އުފަލެއް ޙާސިލް ނުވާހެން ހީވި ހިސާބުން ފެށިގެންނެވެ. އަދި އޭރު ދިރިއުޅުމުގައި ލިބިގެންދިޔައީ ހަމަ ބުއްދި ހުރި މީހެއް ތަޙައްމަލް ކުރަން ބޭނުންނުވާކަހަލަ ޙަޔާތެއްކަމަށާއި، ދުނިޔެވީ އުފާތަކުން އުފަލެއް ނެތްކަން އިޙުސާސްވުމުން އަމިއްލަ ނަފްސަށް އެތަކެއް ސުވާލުތަކެއް ވެރިވިކަމަށްވެސް ޒިޕްސް ބުންޏެވެ.
"ކުރުކޮށް ބުނަންޏާ އޭރުގެ ދިރިއުޅުން ސިފަކޮށްދެވޭނީ ފައިސާ ހުރެ ހަނަފަސް ސަޙަރާއެއްގައި އުޅުނު ފަދައިން." ޒިޕްސް ބުންޏެވެ.
އަދި އެ ފައިސާއިން ކުރާނެކަމަށް އޮންނާނެތޯއާއި، ލިބޭނެ ރާޙަތެއް އޮންނާނެތޯ ޒިޕްސްވަނީ ސުވާލުކޮށްފައެވެ.
މީގެއިތުރުން ޒިޕްސް ބުނީ، ނަމާދާއި ގާތްވެވުން ވަރަކަށް ލިބެމުންދިޔަ ހިތްހަމަޖެހުމާއި އުފާތަކުގެ ސަބަބުން ދިރިއުޅުމަށް ލިބުނު ފާގިތަކަށް ހިތަށްވެސް ނުގެނެވޭހާ ޗާލުކަމަށެވެ.
"މަޙުޝަރު ދުވަހު ތިބާ ގާތު ޒުވާން އުމުރު ހޭދަކުރީ ކިހިނެއްތޯ އާއި ތިބާ ކައިބޮއެ އުޅުނީ ހަލާލު ތަކެތިން ތޯ ސުވާލުކުރެވޭ ދުވަހު މިދުލުގައި ހިތްވަރު ހުންނާނެބާ އެ ސުވާލުތަކަށް ޖަވާބުދާރީވާން؟" ޒިޕްސް ބުންޏެވެ.
އަދި ކަނޑައެޅިގެން އެއީ ޙަރާމްކަމެއްކަން އެނގިހުރެ މުޖުތަމަޢުގައި ދިރިއުޅޭ އެހެން މީހުންނަށް ލަވައާއި މިއުޒިކްއިން އަޅާއާއި ﷲ ދެމެދު އޮންނަ ގުޅުމަށް ހުރަސް އަޅާ މީހެއްކަމުގައި ވާން ބޭނުންވާނީ ކާތޯވެސް ޒިޕްސްވަނީ ސުވާލުކޮށްފައެވެ.
މިސުވާލުތައް އަމިއްލަ ނަފްސާއި ވެސް ކޮށްލުން މުހިންމުކަމަށް އޭނާ ވަނީ ބުނެފައެެވެ.
މިފަނާ ކުރަނިވި ދުނިޔެއަކީ ވަގުތީ ތަނެއްކަމަށާއި، ހަޤީޤީ އުފާވެރިކަން ބޭނުންކަމުގައި ވަނީނަމަ ފުރިހަމަ މުސްލިމަކަށް ވާން އަޒުމު ކަނޑައެޅުން ބުއްދިވެރިކަމުގައިވެސް ޒިޕްސް ބުންޏެވެ. މީގެއިތުރުން ތަޢުބާގެ ދޮރުވަނީ ތިބާއާއި ނުހަނު ގާތުގައިކަމަށާއި، ތަޢުބާވާ މީހުންދެކެ ﷲ ލޯބިވޮޑިގެންވާކަމަށްވެސް އޭނާ ބުންޏެވެ.
އަދި ޒިޕްސްގެ ދުޢާއަކީ ލޯބިވާ އެންމެހާ އަޚުންނާއި އުޚުތުންނަށް ޙައްޤަށް ވާޞިލްވެވުމުގެ ތަޢުފީޤު ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވުންކަމުގައިވެސް އޭނާ ބުންޏެވެ.



