ވެމްކޯގެ ވެހިކަލްތަކެއް - ފޮޓޯ: ވެމްކޯ

ކޮވިޑް-19: ލުއިތަކާއެކު ވެމްކޯގެ އޮޕަރޭޝަންތަކަށް ބަދަލު ގެނެސްފި

މިހާރުގެ ހާލަތަށް ރިޢާޔަތްކުރުމަށްފަހު، ސަރުކާރުން މާލޭ ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމުމާއި ގުޅިގެން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގޭބިސީތަކަށް ފޯރުކޮށްދޭ ކުނި ނެގުމުގެ ހިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ގޭބިސީ ތަކުން އުފެދޭ ކުނި ނެގުމުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ފާއިތުވެދިޔަ ހަފްތާތަކުގައި، ވެމްކޯއިން އިން ކުނި ނެގުމަށް އަމަލުކޮށްފައިވާނީ ޙާލަތަށް ބަލައިގެން ތައްޔާރުކުރެވުނު ހާއްސަ އުސޫލެއްގެ ދަށުންނެވެ.

އެގޮތުން އެކޯޕަރޭޝަނުން ވިދާޅުވީ، މިބަދަލާއެކު 15 ޖޫން އިން އޯގަސްޓް 1، 2020 ގެ ނިޔަލަށް، ފުރަމާލެ ސަރަހައްދުގައިވާ ހުރިހާ ގޭބިސީތަކެއްގެ ދުވަހު ކުނި ކުރިން އާންމުކުރެވިފައިވާ އުސޫލުގެ ދަށުން ނަގަމުންދާނެކަމަށެވެ.

އަދި ވެމްކޯއިން ހިދުމަތްތައް ފޯރުކޮށްދޭނީ އިމާރާތުގެ ތިރިންކަމަށާއި، ކުނި ނެރުމަށް ހަމަޖެހިފައިވަނީ، ކުރިޔެކޭވެސް އެއްފަދައިން ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 14:00 އާއި ދެމެދުކަމުގައިވެސް ވެމްކޯއިން ވިދާޅުވިއެވެ.

މީގެއިތުރުން ވެމްކޯގެ މުއައްޒަފުންނަށް އިމާރާތަށް ވަދެނިކުމެވޭނެ އިންތިޒާމްއެއް ދުރާލާ ހަމަޖެއްސުމަށް އެކޯޕަރޭޝަނުން އެދިފައިވާއިރު، މިމުއްދަތުގައި، އެކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު ކުނި ނެގުމަށް އިމާރާތުގެ ވަކިވަކި ފަންގިފިލާތަކަށް ނާރާނެ ވާހަކަވެސް ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް މޮނިޓަރިންގައިވާ ގޭބިސީތަކުން ކުނި ނަގަމުންދާނީ ކުރިއެކޭވެސް އެއްފަދައިން އެޗް.ޕީ.އޭ. ގެ އިރުޝާދުގެ މަތިން ވެމްކޯގެ ހާއްސަ ޓާސްކް ފޯހަކުންކަމަށްވެސްވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ފަރާތުން ފުރަބަންދަށް ބޮޑެތި ލުއިތަކެއް ދީފައިވީނަމަވެސް، މިހާލަތުގައި ވެސް ވެމްކޯގެ މުވައްޒަފުންނާއި، ހިދުމަތްތައް ހޯއްދަވާ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވާން ޖެހޭތީ، އެކޯޕަރޭޝަން އިން އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑާއި، ވަގުތުގައި ކުނި ނެރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައިވާއިރު، ފާއިތުވެދިޔަ ހަފްތާތަކުގައި، ކަސްޓަމަރުންގެ ފަރާތުންދެއްވި އެއްބާރުލުމަށް އެކޯޕަރޭޝަންގެ ފަރާތުންވަނީ ޝުކުރުދަންނަވާފައެވެ.

ވެމްކޯގެ ކޯލް ސެންޓަރގައި މަސައްކަތްކުރާ މުވައްޒަފުކު މެއި މަހުގެ ކުރީކޮޅު ކޮވިޑް-19 އަށް ޕޮޒިޓްވްވުމާއި ގުޅިގެން، އެކޯޕަރޭޝަނުންވަނީ ރެމްޑަމްކޮށް ސާމްޕަލްތަކެއްވެސް ނަގާފައިވެއެވެ. އެގޮތުން ނެގި ހުރިހާ ރެންޑަމް ސާމްޕަލްތަކެއްވެސްވަނީ ނެގެޓިވްވެފައެވެ.

ވެމްކޯއަކީ ފްރޮންޓްލައިންގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންތަކެއް އުޅޭ ކުންފުންޏެއް ކަމުން އެކުންފުނިންވަނީ ކޮވިޑް-19 އާއި ގުޅިގެން ދުރާލާ ފިޔަވަޅުތައް އަޅަންފަށާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ