ވ. ތިނަދޫ އާއި ފެލިދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަން ހަވާލުކޮށްފި

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ވ. އަތޮޅުގެ ދެ ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް ވަނީ ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ސާފުރާއްޖެ ބިލްޑިންގގައެވެ. މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމެވެ. އަދި ވީ އަވަރ އިންވެސްޓްމަންޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިސްވެރިންނެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކަށް މަގުފަހިކުރުމުގެ ގޮތުން، ތިމާވެށްޓާބެހޭ ވުޒާރާއިން ވަނީ މީގެ ކުރިން ވެސް ބައެއް މުހިންމު ސާމާނު އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ރަށުތެރޭ ކުނި އުފުލުމަށް ބޭނުންކުރާ ވެހިކަލްގެ އިތުރުން، ދަޅުފިއްތާ މެޝިނާއި ވުޑް ޗިޕަރ ހިމެނެއެވެ.

ތިން މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދަކަށް ހަވާލުކޮށްފައިވާ މި މަސައްކަތް، 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ. މި މަޝްރޫޢު ނިމުމުން، އެ ދެ ރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާވެ، ތިމާވެށި ހިމާޔަތްކުރުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ