ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލި ދައުވާއަކީ ޖޯކެއް ކަމަށް ރާއްޖޭގެ ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ނޫމަޑި މައްސަލައާ ގުޅިގެން މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދޮގު ބަޔާން ދިނުމުގެ ދައުވާއެވެ.
މިކަމާއި ގުޅިގެން ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީ ވެރިކަމަށް އައީސުއްރެ ފެންނަނީ އިދިކޮޅު ލީޑަރުން ދެކެ ބިރުން ސިހިގެން އުޅޭތަން ކަމަށާއި ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ހާސިލުކުރަނީ އަމިއްލަ އެޖެންޑާ ކަމަށެވެ.
"އެމްއެމްޕީއާރްސީގެ ފައިސާ ނެގި މެމްބަރުން މަޖިލީހުގައި. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ޕާޓީ އެކްޓިވިސްޓުން ދޫވެގެން ދަނީ. ދައުވާ އަކީ ޖޯކެއް" ޖަމީލު ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން (ނޫމަޑި) ނަމަކަށްކިޔާ ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ފުލުހުންނަށް ދެއްވާފައިވާ ކަމަށެވެ.
މުއިއްޒުގެ މައްސަލަ މިއަދު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާއިރު، އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ބ) ގެ ދަށުންނެވެ.
މުއިއްޒުއަކީ ޕީޕީއެމް ޓިކެޓްގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅެކެވެ. އެހެންކަމުން އަންނައަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބުގެ ކުރިން މުއިއްޒުގެ މައްޗަށް މިދައުވާ ސާބިތުވެއްޖެނަމަ އޭނާގެ ކެންޑިޑެސީ ބާތިލްވާނެއެވެ.