ޚާލަތަށް ރިޢާޔަތްކޮށް މިދަނީ ފިޔަވަޅު އަޅަމުން - ޑިފެންސް

އަދުގެ ޚާލަތަށް ރިއާޔަތްކޮށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަމަށް ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވެފައިވަނީ، އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެލެއިނާ ޓެޕްލިޓްޒް އާއެކު ޑިފެންސް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

"ދިވެހި އަސްކަރިއްޔާއިން ދަނީ އަދުގެ ޚާލަތަށް ރިއާޔަތްކޮށް، ކަމާބެހޭ އެންމެހާ ފަރާތްތަކާ ގުޅިގެން، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންކަމަށް ދިފާއީ ވަޒީރު ވިދާޅުވި." ބައްދަލުކުރެއްވުމާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން އެމެރިކާއިން ދިވެހި ސިފައިން ތަމްރީނުކުރުމުގައްޔާއި، އެނޫންވެސް ކަންކަމުގައި ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި މިނިސްޓަރު ވަނީ އެމެރިކާއަށް ޝުކުރު ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެލެއިނާ ޓެޕްލިޓްޒް ވިދާޅުވީ، ދިވެހިރާއްޖެއާއި، ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށް ދިމާވެފައިވާ ސަލާމަތީ ގޮންޖެހުންތަކުން އަރައިގަންނަން އެހީވާން އެމެރިކާ ތައްޔާރަށް އޮތްކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ދިފާއީ ވަޒީރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ އިތުރުން އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަނުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކާނަލް ޢަބްދުލް މަތީން އަޙްމަދުވެސް ބައިވެރިވެވަޑިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ